ads
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރް ޖެނެރެލް ޑރ. ޓެޑްރޯސް އަދަނޮމް
ކޮވިޑަކީ ގަރުނަކު އެއްފަހަރު ދިމާވާ ފަދަ ބަލިމަޑުކަމެއް: ޑަބްލިއުއެޗްއޯ
ކޮވިޑްގެ ބަލިމަޑުކަމަކީ ސަތޭކަ އަހަރުން އެއް އަހަރު ދިމާވާ ފަދަ ބަލިމަޑުކަމެއް ކަމަށާއި އެ ބަލިމަޑުކަމަކީ ކުރިއަށް އޮތް އެތައް ގަރުނަކަށް އޭގެ އަސަރު ފޯރާނެ އެއްޗެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރު ޖެނެރެލް ޓެޑްރޮސް އަދަނޮމް ވިދާޅުވެއްޖެ އެވެ.

އަދަނޮމް މިހެން ވިދާޅުވެފައިވަނީ ހުކުރު ދުވަހު ދުނިޔޭގެ ސިއްހީ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެމަޖަންސީ ކޮމިޓީއާއި އެކު ބޭއްވުނު ބައްދަލުވުމެއްގަ އެވެ.

ހަލުވިކަމާއެކު ކޮވިޑް-19 ފެތުރި، 17 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު 670،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ. ފާއިތުވެދިޔަ ހަފްތާތަކުގެ ތެރޭގައި ކޮވިޑްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އެމެރިކާ، ބްރެޒިލް، މެކްސިކޯ އަދި ޔޯކޭ އަށެވެ. އެއީ އެގައުމުތަކުގެ ސަރުކާރުން ބައްޔާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވާތީ އެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ކޮވިޑާއި ގުޅިގެން ބައެއް ގައުމުތައް ލޮކްޑައުނަކަށް ގޮސްފައިވުމާއި ގުޅިގެން އިގްތިސާދީ ގޮތުން އެތައް ގޮންޖެހުންތަކެއް ވަނީ ކުރިމަތި ވެފައެވެ. އަދި ބައެއް ގައުމުތަކަށް ދެވަނަ ރާޅެއްގެ ބިރު ބޮޑު ކަމަށްވެސް ބުނެ އެވެ.

150 އަށް ވުރެ ގިނަ ފާމަސިއުޓިކަލް ކުންފުނިތަކުން ކޮވިޑާއި ދެކޮޅަށް ވެކްސިނެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާއިރު ވެކްސިން ބޭނުން ކުރެވޭނެ ކަމަށް ލަފާކުރެވެނީ އެންމެ އަވަހަށްވެސް 2021 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް