ads
އެމްޓީސީސީ ޓަވަރު---- ފޮޓޯ: ސަން
އެމްޓީސީސީގެ ސީއެސްއާރް މަސައްކަތްތަކަށް 3 ލައްކަ އަށް ވުރެ ގިނަ ރުފިޔާ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަހަރުގެ ދެވަނަ ކުއާޓާގައި ކުރިއަށް ގެންދިޔަ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ މަސައްކަތްތަކަށް ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.

އެމްޓީސީސީގެ ދެ ވަނަ ކުއާޓާގެ ރިޕޯޓްގައިވާ ގޮތުން، ދެ ވަނަ ކުއާޓާގައި އެމްޓީސީސީ އިން ކުރިއަށް ގެންދިޔަ ސީއެސްއާރްގެ މަސައްކަތްތަކަށް އެކުންފުނިން ވަނީ 306,728.50 ރުފިޔާ ހޭދަކޮށްފަ އެވެ. 

މި އަހަރުގެ ދެ ވަނަ ކުއާޓާގައި އެމްޓީސީސީ އިން ކުރިއަށް ގެންދިޔަ ގިނަ ސީއެސްއާރް މަސައްކަތްތަކަކީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި އެކު ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކެވެ. 

އެގޮތުން އެމްޓީސީސީ އިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އުފުލުމަށާއި އެންއީއޯސީގެ ޓާސްކްފޯސް ގެ ދަތުރުފަތުރަށް އެ ކުންފުނީގެ އުޅަނދުފަަހަރުތައް ފޯރުކޮށްދީފައި އެވެ. 

އޭގެ އިތުރުން އެމްޓީސީސީގެ ފެންނަ ގެމަތަ ޓާމިނަލް ވަނީ ބަލިމީހުން ކަރަންޓީން ފެސިލިޓީތަކަށް ގެންދިއުމަށާއި އެއާޕޯޓަށް ކުރާ ދަތުރުތަކަށް ބޭނުން ކޮށްފައި ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. 

މާލެ ސަރަހައްދުގައި އިއުލާން ކުރެވުނު ލޮކްޑައުން އާއި އެކު އެކުންފުނިން ވިލިނގިލި އަށް ކުރަމުން ދިޔަ ފެރީ ދަތުރުތައް މަޑު ޖައްސާލި ނަމަވެސް، އެންއީއޯޯސީގެ ހާއްސަ ފާސް އޮންނަ ފަރާތްތަކަށާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ ފެރީތަކެއް އެކުންފުނިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

އެމްޓީސީސީ އިން ވަނީ ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރަމުންދިޔަ މަސައްކަތުގައި ބިދޭސީން އެއާޕޯޓަށް ގެންދިއުމަށް އެމްޓީސީސީގެ ބަހުގެ ހިދުމަތް ވަނީ ފޯރުކޮށްދީފައި އެވެ. 

ނިމިދިޔަ ކުއާޓާގައި އެމްޓީސީސީ އިން ވަނީ ގުޅީފަޅުގައި އެކުންފުނީގެ އެކޮމަޑޭޝަން އަދި ސްޓޯރޭޖް ޔުނިޓް ހުރި 100،000 ސްކެއާ ފީޓްގެ ބިން، 600 އަށް ވުރެ ގިނަ ބަލިމީހުން ގެ ޖާގައިގެ އައިސޮލޭޝަން ފެސިލިޓީއަކަށް ތަރައްގީކޮށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އާއި ހަވާލުކޮށްފަ އެވެ. 

އޭގެ އިތުރުން ވެސް ލޮކްޑައުންގެ ދުވަސްވަރު މުދާ އުފުލުމުގައި އެންޑީއެމްއޭ އަށް އެހީތެރިވެފައިވާއިރު، ލޮކްޑައުންގެ ސަބަބުން މުދާ އުފުލުމަށް ދަތިތަކާ ކުރިމަތިވި ރަށްތަކަށް ވެސް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އެދުމުގެ މަތިން އެހީތެރިވެފައި ވާނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. އެގޮތުން 13 ޑެލިވަރީ ރޫޓަކުން ނުވަ ރަށަކަށް އެކުންފުނިން ވަނީ މުދާ އުފުލާފައި އެވެ. 

އެމްޓީސީސީ އިން ވަނީ އެ ކުންފުނިން މުޖުތަމައުގެ ކުރިއެރުމަށް އަމިއްލައަށް އިސްނަގައިގެން މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށާއި އެކުންފުނީގެ އަމާޒަކީ މުޖުތަމައުއަށް ދެމެހެއްޓެންވި ތަރައްގީއެއް ގެނައުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް