ads
ރާއްޖޭގެ ރަށެއް-- ފޮޓޯ: ގެސްޓްހައުސް މޯލްޑިވްސް
ހޯމް ކަރަންޓީނާއެކު ކޮވިޑްގެ ބިރުވެރިކަން ރަށްރަށަށް!
އޯގަސްޓް މަސް މިއަދު ފެށުނުއިރު މިއީ ކޮވިޑް-19 ބިރުވެރިކަން އަލުން ފެށޭނެ ކަމުގެ އިންޒާރުދީފައިވާ މަހެވެ. މިމަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 170 މީހަކަށް ރާއްޖެއިން ކޮވިޑް ޖެހޭނެ ކަމަށް ލަފާކޮށް ރައްކާތެރިވުމަށް ނަސޭހަތްތެރިއިރު މިބިރުވެރިކަން މިހާރު އޮތީ ހަމައެކަނި ވެރިރަށް މާލެ އަކަށް ނޫނެވެ. މިފަހުން އަތޮޅު ތެރެއިން ވެސް ބަލި ފެންނަ ނިސްބަތްވަނީ އިތުރުވެފަ އެވެ.

ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ މޭލެއިން އެހެން ރަށަށް ދާނަމަ ކޮންމެ މީހަކު އެރަށަކަށް ދިއުމަށް ފަހު، ގޭގައި ކަރަންޓީންވާން ޖެހޭއިރު ގޭގައި ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވާ ކޭސްތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ކ. މާފުއްޓާއި، ހދ. ނޮޅިވަރަމްގެ އިތުރުން ވ. ފުލިދޫ އާއި ބ. ކަމަދޫ އަދި ރ. އިނގުރައިދޫ އާއި އެއަތޮޅު ހުޅުދުއްފާރު ފަދަ ރަށްރަށުގައި ހޯމް ކަރަންޓީނުގައި ތިއްބާ މީހުން ޕޮޒިޓިވްވެފައިވެ އެވެ. 

އަނެއް ބައި ރަށްތަކުގައި ނެގެޓިވް ކަމަށް ބުނެ ހޯމް ކަރަންޓީނުން ދޫކޮށްލި ފަހުން ވެސް އެމީހާއަކީ ކޮވިޑަށް ޕޮޒިޓިވް މީހެއްކަން އެނގިގެން މުޅި ރަށް މޮނިޓަރިންނަށް ގެންނަން ޖެހިފައި އެބަހުއްޓެވެ. 

މީގެ ކުރިން މާލެ ސަރަހައްދުގައި ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު ރަށްރަށަށް ފޮނުވި ނަމަވެސް ރަށްރަށުގައި ކަރަންޓީންވާންޖެހޭ ގޮތް ހެދުމާއެކު މިވަނީ ރަށްރަށަށް ވެސް އެ ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފަ އެވެ. ޑޮކްޓަރުން ފާހަަގަކުރާ ގޮތުގައި މީހަކު ހޯމް ކަަރަންޓީނުގައި ހުއްޓާ ބަލި ޖެހިއްޖެނަމަ ރަށުގައި ބަލި ފެތުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ. އެހެންކަމުން، ކަރަންޓީނަށް ރަށަށް ދިއުމަށް ފަހު ވެސް އޮންނަން އުސޫލުތަކާއި ހަމަތަކުގެ ދަށުން އުޅެން ޖެހެ އެވެ. 14 ދުވަސް ވަންދެން އެއްގޮތަކަށް ވެސް ބޭރަށް ނުނިކުމެ ހެދިފައިވާ ގައިޑްލައިނާއި އެއްގޮތަށް އަމަލުކުރެވޭނަމަ އެ ބިރުވެކަމެއް ނޯންނާނެ އެވެ. 

މިހާރު މާލެ ސަރަހައްދެކޭ އަތޮޅު ތެރޭގައި ބަލި ފެތުރިދާނެ ކަމުގެ ބިރު ހީވެފައިވާއިރު ކިރިޔާ ވެސް ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ބައްޔަށް ޓެސްޓްކުރަން ޖެހެ އެވެ. އަދި މާލެއަށް އަންނަ އޮޑިފަހަރުތަކުގައި އުޅޭ މީހުން ވެސް އަމަލުކުރަން އަންގާފައި އޮންނަ ގޮތަށް އަމަލުކުރުން ވަރަށް މުހިއްމެވެ. މިފަހުން ވެސް ރާއްޖޭގެ އެންމެ އުތުރުން ދެ ބޯޓެއްގައި މަސައްކަތް ކުރާ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. 

މީގެ ކުރިން ޑޮކްޓަރުން ވަނީ މާލޭގައި މިހާ ބޮޑަށް ފެތުރެމުންދާއިރު މިބަލި ހަލުވިކަމާއެކު އަތޮޅު ތެރެއަށް ފޯރައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނަމަ ދަތިތަކާއި ކުރިމަތިވާނެ ކަމަށް ވެސް ބުނެފަ އެވެެ. އެހެންކަމުން، ބަލިން ރައްކާތެރިވުމަށް އަޅަން އަންގާފައި އޮތް ކަންކަން ކުރުން ވަރަށް މުހިއްމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް