ވެބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ވާދެވެރި ޗެލްސީގެ މައްްޗަށް އާސެނަލް ކުރި ހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ޗެލްސީންނެވެ. މެޗުގެ 5 ވަނަ މިނެޓުގައި ޗެލްސީއަށް ލީޑު ހޯދައިދިނީ ކްރިސްޓިއަން ޕުލިސިޗްއެވެ. މި މެޗުގައި އާސެނަލްއިން ކާމިޔާބު ކުރި ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޕިއާ އައުބަމެޔަންގް އެވެ.
މިރޭގެ ޗެލްސީ ބަލިކޮށް، އާސެނަލްއިން ކާމިޔާބު ކުރި ތަށްޓަކީ އެޓީމުން މިހާތަނަށް ކާމިޔާބު ކުރި 14 ވަނަ އެފްއޭ ކަޕް ތަށްޓެވެ. އަދި ޓީމުގެ ކޯޗު ކަމާއި އަލަށް ހަވާލުވި ކުރީގެ ކުޅުންތެރިޔާ، އަރްޓޭޓާ ކޯޗެއްގެ ހައިސިއްޔަތުން ކްލަބާއެކު ކާމިޔާބު ކުރި ފުރަތަމަ ތަށި ވެސް މެއެވެ. މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ވެސް އަރްޓޭޓާ ވަނީ އާސެނަލްއާއެކު އެފްއޭ ކަޕް ކާމިޔާބު ކޮށްފައެވެ.