އެޗްޕީއޭ އިން ބުނީ ގައިޑްލައިނާއެއްގޮތަށް ހިންގާތޯ އިއްޔެ 146 ތަނެއް ބަލާފައިވާ ކަމަށެވެ. އެކަމަކު މިންގަނޑުތަކާއި ހިލާފަށް 20 ތަނެއް ހިންގަމުން އައިކަން ފާހަގަކުރެވި ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި އިއްޔެ ބަންދުކޮށްފައި ވަނީ ބޯކޮށާ ތަންތަނާއި ސެލޫންތައް ހިމެނޭ ގޮތަށް އަށް ތަނަކާއި ހަތް ފިހާރައަކާއި ތިން ކެފޭ/ ރެސްޓޯރަންޓަކާއި ދެ ޖިމް އެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން މާލޭ ސިޓީ ކައުންސިލާއި ކަމާ ގުޅޭ އިދާރާތައް ގުޅިގެން ގްރޭޓާ މާލޭ ސަރަހައްދުގައި ބޮޑު އިންސްޕެކްޝަނެއް ފަށާފައިވާއިރު ފުރަތަމަ ދުވަހު ވެސް 27 ތަނެއް ބަންދުކުރި އެވެ. އަދި ޖެހިގެން އައި ދުވަހު 99 ތަނެއް ބަލާއި، 50 ތަނެއް ބަންދުކުރިއިރު މިމަހުގެ އެއް ވަނަ ދުވަހު ވަނީ 35 ތަނެއް ބަލާއި، ތިން ތަނެއް ބަންދުކޮށްފަ އެވެ.
އެޗްޕީއޭ އިން އަންނަނީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހިދުމަތްތައް ބަދަލުކުރުމާއެކު ތަންތަން ހުޅުވުމުގެ ހުއްދަ އަލުން ދެމުންނެވެ. އެގޮތުން ބަންދުކުރި ގިނަ ތަންތަން މިހާރު ވަނީ ހުޅުވާފަ އެވެ.