މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނީ، މިރޭ ތ. އަތޮޅުން ފެށިގެން އައްޑޫއަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓުން ބުނެ އެވެ.
މެޓުން އެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭ 21:30 އިން ދަންވަރު 01:00 އާ ހަމައަށެވެ.
އޭގެ އިތުރުން މިރޭ 20:30 ފެށިގެން 01:30 އަށް ކ. އަތޮޅުން ފެށިގެން އެންމެ ދެކުނަށް ވައިޓް އެލާޓް ނެރެފައިވެ އެވެ.
އޭގެ އިތުރުން ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާ ކަަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށް ލަފާކުރާއިރު އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށް މެޓް އޮފީހުން ބުނެއެވެ. އެގޮތުން ދެކުނުގެ އަތޮޅު ތަކުގެ ރާޅުގެ އުސްމިން ހަތަރު ފޫޓާއި ދެ ފޫޓްގައި ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު މެދުރާއްޖެތެރެއާއި އުތުރުގައި ތިން ފޫޓާއި ހަފޫޓަށް ރާޅުގެ އުސްމިން ހުންނާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެން ވާތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.