ads
ހުރަވީ ސްކޫލު--
މާލޭގެ ސްކޫލުތަކުގެ އޮންލައިން ކްލާސްތައް ކުރިއަށްދާނެ
މާލޭ ސިޓީގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ޖުލައި އެކެއްގައި ވަނީ މާލޭ ސިޓީގެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް އެކަކުން ފެށިގެން 12 އަށް ކިޔަވައިދޭން ފަށާފައިވާ ކަމަށާއި މާލޭ ސިޓީގެ ސްކޫލްތަކުގައި ކިޔަވައިދީފައި ވަނީ ގްރޭޑް 9 އިން 12 އަށް ކަމަށެވެ.

އޭގެ އިތުރުން ގްރޭޑް 7 އަދި 8 ގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލްތަކުގައި އޮގަސްޓު 16 ގައި ފެށުމަށް ވަނީ އިޢުލާން ކުރެވިފައި ނަމަވެސް އީދު ބަންދާއި، މިޑް ޓާމު ބަންދަށް ސްކޫލްތައް ބަންދުވުމަށްފަހު އަލުން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީހަކީ ނުވައެއް އޮގަސްޓް މަހުގައި ކަމަށެވެ.

އެހެން ނަމަވެސް، ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން، ކުރިއަށް އޮތް ދެ ހަފްތާއަށް މާލޭ ސިޓީގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ. 

ދަރިވަރުން ސްކޫލަށް ހާޒިރުވާން ނުޖެހުނު ނަމަވެސް، އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށްދާނެ ކަމަށާއި ދެ ހަފްތާއަށްފަހު ބަލިމަޑުކަން ފެތުރޭގޮތަށް ބަލައި، އެ ނިންމުން މުރާޖާ ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލަކީ ދަރިވަރުންގެ ނަފްސާނީ އަދި އިޖުތިމާއީ ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކުރާ ތަނަކަށްވާއިރު، ސްކޫލަށް ހާޒިރުވެ އުނގެނޭ އުނގެނުމުގެ ފައިދާއަކީ އެހެން އެއްވެސް ގޮތަކުން ލިބިގަނެވޭނެ އެއްޗެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް، މިނިސްޓްރީން އަބަދުވެސް އެންމެ އިސްކަމެއްދޭނީ ދަރިވަރުންގެ ސިއްހަތަށް ކަމަށްވާތީ، ކޮވިޑް-19 ގެ މިހާރުގެ ހާލަތަށް ރިއާޔަތް ކުރުމަށްފަހު، ދަރިވަރުން އާއިލާއާއެކު ގޭގައި ތިބުމަކީ މިވަގުތަށް އެންމެ ރައްކާތެރިގޮތް ކަމަށް ދެކޭ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

ގޭގައި ދަރިވަރުން ތިބޭއިރު، އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ކަމާގުޅޭ އެހެނިހެން މުއައްސަސާތަކުންދޭ ލަފައާއި އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް ހަނދާންކޮށްދޭ ކަމަށެވެ. 

ދަރިވަރުންގެ އުނގެނުން މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ މިނިސްޓްރީގެ އެންމެ މުހިއްމު އަމާޒު ކަމަށާއި މިވޭތުވެދިޔަ އުނދަގޫ ދުވަސްތަކުގައި އެ އަމާޒަށް ވާސިލުވާން މުދައްރިސުންނާއި ބެލެނިވެރީން ކުރި މިންނެތް މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް