އެމްޑީޕީއަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ އެވެ.

Advertisement
އެމްޑީޕީއަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ އެވެ.
އެމްޑީޕީއަށް ލިބިފައިވަނީ، ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމައްވާ އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން (އައިޑީޔޫ) އިން ދެއްވާ ބުޝް ތޭޗާ ފްރީޑޮމް އެވޯޑެވެ.
އެ އެވޯޑު ދީފައިވަނީ، އެމްޑީޕީގެ ޑިމޮކްރަސީއާ އިންސާނީ ހައްގުތަކަށް ކުރަމުންދާ މަސައްކަތް ފާހަގަކުރުމުގެ ގޮތުންނެވެ.
މިކަން ހާމަކޮށް އެމްޑީޕީން މިއަދު ކުރި ޓްވީޓްގައި ބުނެފައިވަނީ، މިއީ އެ އެވޯޑް ދިން ފުރަތަމަ ފަހަރު ކަމަށާއި އެފަދަ އެވޯޑެއް ދެއްވީތީ އައިޑީޔޫ އަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
އެމްޑީޕީގެ ފަރާތުން މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރާއި، އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސެއިންއެވެ. ވޮޝިންޓަންގައި ބޭއްވި ރަސްމިއްޔާތުގައި މި އެވޯޑާ ހަވާލުވެވަޑައިގެންވީ، އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.
އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން އަކީ ކޮންޒަވޭޓިވް، ކްރިސްޓިއަން އަދި ޑިމޮކްރެޓިކް ޕާޓީތަކުގެ މައްޗަށް އެކުލެވޭ ބޮޑު ޖަމާއަތެކެވެ.
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަކީ އެ ޖަމާއަތުގެ މެމެބަރެކެވެ. 2010 ވަނަ އަހަރު ނޯވޭގެ ކޮންޒްވޭޓިވް ޕާޓީ، ހޮޔެރާ އިން ދޭ ޑިމޮކްރަސީ އަދި ހިއުމަން ރައިޓްސް އެވޯޑު ކަމަށްވާ ސުޖޫރު ލިންޑާބްރައެކެކޭގެ އެވޯޑްވެސް އެޕާޓީއަށް ވަނީ މީގެ ކުރިން ލިބިފައެވެ.