ads
ބީއެމްއެލް--
ބީއެމްއެލް ގެ 37 ވަނަ އޭޖީއެމް މިމަހު 31 ގައި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 37 ވަނަ އަހަރީ އާންމު ޖަލްސާ އޮގަސްޓް 31 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ މި އަހަރުގެ އަހާރީ އާންމު ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ މިހިނގާ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ. 

އެގޮތުން މިއަހަރުގެ އޭޖީއެމް ބާއްވާނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް، ފަހިވޯޓް މެދުވެރިކޮށް ކަމަށް އެކުންފުނިން ބުނެ އެވެ. 

ބީއެމްއެލް އިން ވަނީ އެކުންފުނީގެ އޭޖީއެމްގެ އެޖެންޑާ އާންމުކޮށް އޭޖީއެމްގައި ބައިވެރިވުމުގެ ދައުވަތު ކުންފުނީގެ ހުރިހާ ހިއްސާދާރުންނަށް އަރުވާފައި އެވެ. އަދި ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ އައިޓަމްތަކުގެ އިތުރުން އެހެން އެއްވެސް އައިޓަމެއް ފާސްކުރުމަށް ހުށައަޅާފައި ނުވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. 

މި މަހު ބާއްވަން ހަމަޖެހިފައި އޮތް އޭޖީއެމްގައި ފާއިތުވި އަހަރުގެ އޭޖީއެމްގެ ޔައުމިއްޔާ ފަސްކުރުމަށް ވަނީ ހުށައަޅާފައި އެވެ. 

ބީއެމްއެލް އިން ބުނީ މިދިޔަ އަހަރުގެ އޭޖީއެމްގެ ޔައުމިއްޔާ އަށް އިސްލާހު ހުށައެޅުމުގެ ފުރުސަތު 31 އޮކްޓޯބަރު 2019 އިން ފެށިގެން އެކެއް ޑިސެމްބަރު 2019 އަށް ހުޅުވާލި ނަމަވެސް އެއްވެސް ފަރާތަކުން ޔައުމިއްޔާ އަށް އިސްލާހެއް ހުށައަޅާފައި ނުވާ ކަމަށެވެ. 

އެކުންފުނީގެ މިއަހަރުގެ އޭޖީއެމް ގައި ފާއިތުވި އަހަރުގެ ބެލެންސް ޝީޓާއި އާމްދަނީގެ ބަޔާން ފާސްކުރުމަށް ވެސް ވަނީ ތާވާލު ކުރެވިފަ އެވެ. އަދި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓް ފާސްކުރުމުގެ އިތުރުން ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ އާއިމެދު ގޮތެއް ނިންމުމަށް ވެސް މިއަހަރުގެ އޭޖީއެމް ގައި ވަނީ ތާވާލުކޮށްފައި އެވެ. 

ބީއެމްއެލް އަށް 2019 ވަނަ އަހަރު އާމްދަނީ އިން ލިބުނު ފައިދާ އިން ހިއްސާއަކަށް 26 ރުފިޔާ ބަހަން ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާއިރު، 139 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހާނެ އެވެ. 

މިއީ އެ ކުންފުނިން ޑިވިޑެންޑުގެ ގޮތުގައ މިހާ ބޮޑު އަދަދެއް ބަހާ ފުރަތަމަ ފަހަރެވެ. 

ފާއިތުވި 2018 ވަނަ އަހަރު، ބީއެމްއެލް އިން ހިއްސާއަކަށް 24 ރުފިޔާ ބަހާފައިވާއިރު، ޖުމްލަ 129 މިލިއަން ރުފިޔާ ވަނީ ހިއްސާދާރުންނަށް ބަހާފަ އެވެ.

ހިއްސާދާރުންގެ ހިޔާލު ފާޅުކުރުމަށް މި އަހަރުގެ އޭޖީއެމް ގައި ތާވާލު ކުރެވިފައި ވާއިރު، މި ޖަލްސާ ގައި ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިހާބު ކުރުމަށް ވެސް ވަނީ ތާވާލުކުރެވިފައި އެވެ. އަދި 2020 ވަނަ އަހަރަށް އައްޔަންކުރާ އޮޑިޓަރުން ހޮވާ އުޖޫރަ ކަނޑައެޅުމަށް ވެސް ވަނީ ތާވާލުކުރެވިފައި އެވެ. 

މި އަހަރުގެ ބީއެމްއެލް އޮޑިޓްކުރުމަށް ހުޅުވާލި ފުރުސަތުގައި ދެ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ވާކަމަށް ބީއެމްއެލް އިން ބުނެ އެވެ. އެއީ ޕްރައިސްވޯޓާހައުސްކޫޕާސް އާއި އާންސްޓް އެންޑް ޔަންގް އެވެ. 

ޕްރައިސްވޯޓާހައުސްކޫޕާސް އިން އެ ކުންފުނި އޮޑިޓް ކުރުމަށް ހުށައަޅާފައިވާ އަގަކީ 86،814 ޑޮލަރެވެ. އަދި އާންސްޓް އެންޑް ޔަންގް އިން ހުށައަޅާފައިވާ އަގަކީ 97،308 ޑޮލަރެވެ. 

ބީއެމްއެލް އިން ވަނީ ޖަލްސާގެ އެޖެންޑާ އައިޓަމަކަށް ސުވާލު ހުށަހަޅަން ބޭނުންވާ ނަމަ އޮގަސްޓް 27 ވަނަ ދުވަހުގެ 16:00 ގެ ކުރިން އެ ބޭންކަށް މެއިލް ފޮނުވުމަށް ބުނެފައި އެވެ. އަދި ސުވާލު ފޮނުވާއިރު ހިއްސާދާރުގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރު ޖެހުމަށް ބީއެމްއެލް އިން އެދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް