ކައުންސިލްތަކުގައި އަންހެނުންނަށް 33 އިންސަައްތަ ގޮނޑި ހާއްސަ ކުރެވުމުން އަންހެނުންގެ މެދުގައި ހަމަހަމަކަން ޤާއިމު ކުރެވި އަންހެނުން އިތުރަށް ބާރުވެރި ކުރެވޭނެ ކަމެއް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

Advertisement
ކައުންސިލްތަކުގައި އަންހެނުންނަށް 33 އިންސަައްތަ ގޮނޑި ހާއްސަ ކުރެވުމުން އަންހެނުންގެ މެދުގައި ހަމަހަމަކަން ގާއިމު ކުރެވި އަންހެނުން އިތުރަށް ބާރުވެރި ކުރެވޭނެ ކަމެއް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
ޝިދާތާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލްތަކުގައި އަންހެނުންނަށް 33 އިންސައްތަ ގޮނޑި ހާއްސަ ކުރެވުމަކީ ސަރުކާރާއި މުޖުތަމައަށް ލިބުނު ކާމިޔާބެއް ކަމަށެވެ.
އަދި އެކަމުގެ ސަބަބުން އަންހެނުންގެ މެދުގައި ހަމަހަމަކަން ގާއިމު ކުރެވި އަންހެނުން އިތުރަށް ބާރުވެރި ކުރެވޭނެ ކަމަށްވެސް އެ ޓްވީޓުގައި ވެއެވެ. އަދި މިއީ ރަނގަޅު ފެށުމެއް ކަމަށާއި އަދިވެސް ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ޝިދާތާ ފާހަގަކުރެއްވިއެވެ. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ގާނޫނަށް ގެނައި ބޮޑު ބަދަލުތަކާއެކު އިއްޔެ މަޖިލީހުން ވަނީ ބިލް ފާސްކޮށްފައެވެ.
ބިލުގައި އަންހެނުނަށް ހާއްސަ ކޯޓާއެއް ކަނޑައަޅާފައިވާތީ މަޖިލީގެ ގިނަ މެމްބަރުންވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބުނެފައިވަނީ ހައްގުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރި ކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެނެއްނުވާނެކަމަށެވެ.