މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފެއްދި އެ ބޭންކުން ދޫކުރާ ލޯނުގެ 25 އިންސައްތަ ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ.
އެ ބޭންކުން ބުނީ، މިހާތަނަށް 49 އަންހެނަކަށް 51.4 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާ ކަމަށާއި އެގޮތުން މިހާރު އޭގެ ތެރެއިން 25 ފަރާތަކަށް 14.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
އެ ބޭންކުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އޭގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ލޯނު ދޫކޮށްފައި ވަނީ ކޮމާސްގެ ދާއިރާ އިންނެވެ. އެގޮތުން ޖުމްލަ 24 ފަރާތަކަށް އެ ދާއިރާއިން ލޯނު ދޫކުރަން ނިންމިއިރު މިހާރު ވަނީ އޭގެ ތެރެއިން 15 ފަރާތަކަށް ލޯނު ދޫކޮށްފަ އެވެ.
އޭގެ ފަހުގައި ދެން އެންމެ ގިނަ ލޯނު ދޫކޮށްފައި ވަނީ އުފެއްދުންތެރިކަމުގެ ދާއިރާ އާއި ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. އެގޮތުން އުފެއްދުންތެރިކަމުގެ ދާއިރާ އިން ނުވަ މީހަކަށް ލޯނު ދޫކުރަން ނިންމާއި، ހަތަރު މީހަކަށް މިހާރު ވަނީ ލޯނު ދޫކޮށްފަ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ އިން ވެސް ނުވަ މީހަކަށް ލޯނު ދޫކުރަން ނިންމާއި، ފަސް މީހަކަށް މިހާރު ވަނީ ލޯނު ދޫކޮށްފަ އެވެ. އަދި މަސްވެރިކަމުގެ ދާއިރާއިން ހަތަރު މީހަކަށް ލޯނު ދޫކުރަން ނިންމާފައިވާއިރު އެކަކަށް މިހާރު ވަނީ ލޯނު ދޫކޮށްފަ އެވެ.
އަންހެނުންނަށް 51 މިލިއަނުގެ ލޯނު އެސްއެމްއީ އިން ދޫކުރިއިރު ކޮވިޑް-19 އާ ގުޅިގެން ވެސް އެ ބޭންކުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮވިޑް-19 ރިކަވަރީ ސްކީމެއް އެކުލަވާލާފަ އެވެ. އެގޮތުން އިގްތިސާދީ ގޮތުން ލިބިފައިވާ ހީނަރުކަން ކުޑަ ކުރުމަށް އެހީތެރިވުމުގެ ގޮތުން އެތަނުން 1427 ފަރާތަކަށް 198 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.