ads
ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީއިން އެމްއައިޓީޑީއާ ބައްދަލު ކުރެއްވުން/ ފޮޓޯ:މަޖިލިސް
ބަރެސްދޫ މައްސަލައިގައި ދައްކަންޖެހޭ ފައިސާ މިއަދު ދައްކާ ނިމޭނެ
ބަރެސްދޫ ޕްރޮޖެކްޓަށް ފައިސާ ދެއްކި ދެ ކުންފުންޏަކަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީ) އިން ދައްކަން ޖެހޭ ފައިސާ މިއަދު ދައްކައި ނިމޭނެ ކަމަށް އެކުންފުނިން ބުނެފި އެވެ.
Advertisement

މެދު ފަންތީގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ކުރީ ސަރުކާރުން އުފައްދާފައިވާ، އެމްއައިޓީޑީސީ އިން ބަރެސްދޫ ޕްރޮޖެކްޓު ހިންގުމަށް އަށް އެކި ފަރާތްތަކުގެ އަތުން ނަގާފައިވާ ފައިސާގެ ތެރެއިން ކޯޓު އަމުރާ އެކު، އަނބުރާ ދޭންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ނިމޭނެ ކަމަށް ވިދާޅުވެފައި ވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީގައި އެމްޑީ ރާއިދު ވިދާޅުވީ ބަރެސްދޫ ޕްރޮޖެކްޓާއި ގުޅިގެން ދެ ކުންފުންޏަކުން އެ ދެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ އާއި ގުޅިގެން ކޯޓަށް މައްސަލަ ހުށައެޅި ކަމަށެވެ. އަދި އެ މައްސަލަ ސާބިތުވެ އެ ދެކުންފުންޏަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ނުދެއްކި ހުރި ފައިސާ ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް ރާއިދު ވިދާޅުވި އެވެ. 

އެމްއައިޓީޑީސީ އަށް ފައިސާގެ މައްސަލަތައް ކުރިމަތިވެ ފަހުން، އެމްއައިޓީޑީސީ އިން ދެ ކުންފުންޏަކަށް ދައްކަންޖެހޭ 21،166 ޑޮލަރަށްވާ ފައިސާ ފިނޭންސް މިނިސްޓްރީ އިން ދޫކޮށްފައިވާ ކަމަށް ރާއިދު ވިދާޅުވި އެވެ. 

އެމްއައިޓީޑީސީ އަށް ފައިސާގެ މައްސަލަތައް ކުރިމަތިވުމުން ފިނޭންސް މިނިސްޓްރީ އިން ފައިސާ ހޯދި އިރު، ކޯޓުން ވަނީ ކުންފުނީގެ ބައެއް އެކައުންޓުތައް ފްރީޒު ކޮށްފަ އެވެ. މީގެ ސަބަބުން ފައިސާ ދެއްކުމަށް އިތުރު ދަތިތަކާ ކުރިމަތިލާން ޖެހުނު އެވެ. 

އެކުންފުނިން ވަނީ މިގޮތަށް ފިނޭންސް މިނިސްޓްރީ އިން ލިބުނު ފައިސާ ކޯޓަށް ނުދައްކާ އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި ރޯދަ އިނާޔަތް ދިނުމަށް ބޭނުން ކޮށްފަ އެވެ. 

އޭގެ އިތުރުން މީގެ ކުރިން އެމްއައިޓީޑީސީ އިން ޑޮލަރު ހޯދަމުން އައިސްފައި ވަނީ އެމްޓީޑީސީ މެދުވެރިކޮށް ކަމަށާއި އެހެން ނަމަވެސް ކޮވިޑް-19 އާއި އެކު ޑޮލަރު ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް ރާއިދު ފާހަގަކުރެއްވި އެވެ. އަދި މިއަދު ކޯޓަށް ފައިސާ ދައްކައި ނިމޭ އިރު، އެމްޓީޑީސީ މެދުވެރިކޮށް ޑޮލަރު ލިބިފައިވާ ކަމަށް ވެސް ރާއިދު ވިދާޅުވި އެވެ. 

ރާއިދު ވިދާޅުވީ، ކޯޓުގެ ހުކުމުގައި އޮތީ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ޑޮލަރުން ދެއްކުމަށް ކަމަށެވެ. އަދި މި ފައިސާ ދެއްކުމުން އެމްއައިޓީޑީސީ އިން އެ ދެ ކުންފުންޏަށް ދެއްކުމަށް ކޯޓަށް ދައްކަން ޖެހޭ ފައިސާ ދައްކައި ނިމޭނެ ކަމަށް ރާއިދު ފާހަގަކުރެއްވި އެވެ. 

މިދިޔަ ސަރުކާރުން މެދު ފަންތީގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ބަރެސްދޫ މެދުވެރިކޮށް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓުގެ ދަށުން އެމްއައިޓީޑީސީގެ ކުރީގެ މެނޭޖްމެންޓުން އެކި ފަރާތްތަކުގެ އަތުން 3.587 މިލިއަން ޑޮލަރު ނަގައި އެ ފައިސާ މިސް މެނޭޖުކޮށް ބޭނުންކޮށްފައިވާ ކަމަށް ރާއިދު ވިދާޅުވި އެވެ. އަދި މި ސަރުކާރުގައި ބަރެސްދޫގެ ނަމުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައި ނުވާނެ ކަމަށް ރާއިދު ވިދާޅުވި އެވެ. 

ބަރެސްދޫގައި ކުރިއަށް ގެންދަން ނިންމި މަޝްރޫއަށް ފައިސާ ދެއްކި ފަރާތްތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައުލޫމާތު ހުށައެޅުމަށް އެ ކޮމިޝަނުން މީގެ ކުރިން އެދިފައި ވާއިރު، އެސްއޯއީ ކޮމެޓީގެ މުގައްރިރު އިލްޔާސް ލަބީބު ވަނީ ބަރެސްދޫ ޕްރޮޖެކްޓަށް 2.25 މިލިއަން ޑޮލަރު އެމްއައިޓީޑީސީ އިން އެކި ކުންފުނިތަކުން ނަގާފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

އެގޮތުން ބަރެސްދޫ ޕްރޮޖެކްޓަށް ފައިސާ ދެއްކި ގިނަ ކުންފުނިތަކުން ފައިސާ ދެއްކީ ރިފަންޑަބްލް ޑިޕޮސިޓް ގެ ގޮތުގައި ކަމަށާއި ބައެއް ފަރާތްތަކަށް ފައިސާ ދެއްކި ނަމަވެސް ފައިސާ ނުލިބޭ ދެ ކުންފުނިން ކޯޓަށް މައްސަލަ ހުށައަޅައި ފައިސާ ދެއްކުމަށް ކޯޓުން ހުކުމް ކުރުމުން އެ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ ދެ ޕޭމަންޓެއް އެމްއައިޓީޑީސީގެ ކުރީގެ މެނޭޖްމެންޓުން ވެސް ދައްކައިފާވާ ކަމަށް މުގައްރިރު ވިދާޅުވި އެވެ. 

ބަރެސްދޫ މަޝްރޫއު އަކީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ ނަމުގައި 2016 ވަނަ އަހަރު ކުންފުނި އުފެދުމާއި އެކު އެކުންފުނިން އިއުލާން ކުރި ފުރަތަމަ މަޝްރޫއު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް