ads
އީވާ އަބްދުﷲ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޖިހާދު އަދި މުނައްވަރަށް ދައުވާކުރަން ޖެހޭ: އީވާ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޖިހާދާއި، އަހުމަދު މުނައްވަރަށް ދައުވާކުރަން ޖެހޭ ކަމަށް މަޖިލީހުގެ ނައިބް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދަރަނީގެ ހިސާބަތައް ސާފު ނުވާ މައްސަލައިގައި މިއަދު ވަނީ ޖިހާދު އާއި މުނައްވަރުގެ އިތުރުން މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ހާޒިރުކުރައްވާފަ އެވެ.

ޗައިނާގެ ދަރަނީގެ ދަންތުރަކަށް ރާއްޖެ ހަދާއި، ޗައިނާއަށް ދައްކަން ޖެހޭ ލޯނުގެ އަދަދު ބިލިއަނަށް ވުރެ މައްޗަށް އަރާނެކަން ފާހަގަކުރައްވަމުން އީވާ ވަނީ ދަރަނި ދައްކާނެ ގޮތަކާއި މެދު ނުވިސްނާއި ރަހުނަކާއި ވެސް ނުލާއި ރާއްޖޭގެ ރައުސުލްމާހު ޗައިނާއަށް ވިއްކާލަން ޖެހުނީ ކީއްވެގެންތޯ ސުވާލުކުރައްވާފަ އެވެ. 

އެ ސުވާލުގެ ޖަވާބުގައި ދެ މިނިސްޓަރުން ވެސް ފާހަގަކުރެއްވީ މަޖިލީހަށް ހާޒިރުުވުމަށް ސިޓީއަކުން އެންގި ނަމަވެސް އެކަމުގެ ތަފްސީލު ވެސް ނުލިބޭ ކަމަށެވެ. 

އެ ސުވާލުގައި ޖިހާދު ވަނީ އޭނާގެ ވަޒީރުކަމުގެ ދުވަސްވަރު އަަމިއްލަ އެއްވެސް ކުންފުންޏަކަށް ސޮވަރިން ގެރެންޓީއެއް ދީފައި ނުވާ ކަމަށާއި ހުރިހާ މަސައްކަތެއް ވެސް ކުރައްވާފައި ވަނީ އޮންނަ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ކަމަށް ވިދާޅުވެފަ އެވެ.

މުނައްވަރު ވެސް އޭނާގެ ވަޒީރުކަމުގައި ވެސް މަަސައްކަތް ކުރެއްވީ ހަމަ ގާނޫނުތަކާއި ހަމަތަކުގެ ތެރެއިން ކަމަށް ވިދާޅުވެފަ އެވެ. މުނައްވަރު ވިދާޅުވީ ލޯނުތަކާއި ގުޅޭ ހުރިހާ މައުލޫމާތެއް ވެސް މިނިސްޓްރީގައި ހުންނާނެ ކަމަށާއި ވަޒީރުކަމުން ވަކިވެވަޑައިގެންނެވިއިރު ދިޔައީ އެ ހުރިހާ މައުލޫމާތެއް ހިފައިގެން ނޫން ކަމަށެވެ. އަދި މިހާރު ވަރަށް ދުވަސްވެފައިވާތީ މައުލޫމާތު އެންމެ ފުރިހަމައަށް ދޭން ވެސް ދަތިވާ ކަމަށް ވިދާޅުވެފަ އެވެ.

އެވާހަކަތަކާއި ގުޅިގެން އީވާ ވަނީ މަގާމުން ވަކިވި ނަމަވެސް ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް