ads
އޭޖީ ރިއްފަތު-- ފޮޓޯ: ސަން
ނުހައްގު މުއްސަނދިކަމުގެ ކުށް ހިމެނުމަށް ގާނޫނުލްއުގޫބާތު އިސްލާހު ހުށަހަޅަނީ
ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި ކޮރަޕްޝަންގެ އިތުރު ކުށްތައް ހިމެނުމަށްޓަކައި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީސް (އޭޖީ އޮފީސް) އިން ނެރުނު ނޫސްބަޔާނުގައި ބުނީ ސަރުކާރުން އެފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ، ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުން އިތުރުވެ، އެފަދަ އަމަލުތައް ހިންގަމުންދާ ގޮތް ބަދަލުވެ، ޒަމާނީވަމުންދާ ދަނޑިވަޅެއްގައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްކުށަކީ ޒަމާނާ ނުބައްދަލު ކުށްތަކެއް ކަމުގައިވާތީ، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ ކޮރަޕްޝަނާ ގުޅޭ މުއާހަދާއަށްވެސް ރިއާޔަތްކުރުމާއެކު، ކޮރަޕްޝަންގެ ކުށްތައް މިޒަމާނަށް ފެތޭގޮތަށް ބަދަލުކޮށް، ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި އެ ކުށްތައް ހިމެނުމަށްޓަކައި އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ގާނޫނުލްއުގޫބާތަށް އަލަށް އިތުރުކުރުމަށް ހުށަހަޅާ ކުށްތަކަކީ، ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށާއި، ބޭރު ދައުލަތެއްގެ ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއެއްގެ މުވައްޒަފަކަށް ރިޝްވަތު ދިނުމުގެ ކުށް ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އޭޖީ އޮފީހުން ބުނީ ރިޝްވަތު ދިނުމާއި ހިފުމުގެ ކުށުގެ ގޮތުގައި ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި މިހާރު އެކުލެވޭ ކުށް އިސްލާހުކުރުމަށްވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި ގުޅޭގޮތުން އޭޖީ އޮފީހުން ބުނީ އެއީ ދައުލަތުގެ މުވައްޒަފުންނަށް ލިބެމުންދާ ހުއްދަ އާމްދަނީގެ ވަސީލަތްތަކާއި އެ ވަސީލަތްތަކުން އުފައްދައިދޭ އާމްދަނީގެ މިންވަރާ އަޅާބަލާއިރު، އެމީހުންނަށް ނުހޯދޭނެ ނުވަތަ ހޯދުން އެކަށީގެންނުވާ ނުވަތަ ހޯދުނުގޮތް ބަޔާންކޮށްނުދެވޭ މުދަލާއި ފައިސާ ހޯދައި ލިބިގަތުން ހުއްޓުވުމަށްޓަކައި، ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެކުށް ކުރާ ހާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކުރުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. 

އަދި އެއީ މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އިސްލާހެއްކަމަށާއި އެގޮތުން ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ރާއްޖޭގެ ގާނޫނުލްއުގޫބާތު ގައި ހިމެނުމަށްޓަކައި، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ސަރުކާރުގެ ފަރާތުން 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅި ކަމަށެވެ. އެހެންނަމަވެސް، އެ ބިލުގެ މަސައްކަތް ފުރިހަމަނުކުރެވި ވަނިކޮށް، އެ މަޖިލީހުގެ އުމުރު ހަމަވުމާއެކު، އެ ބިލުގެ މަސައްކަތް ނިމުމަކަށް އައިސްފައިވާކަމަށް އެ އޮފީހުން ބުނެއެވެ. އޭގެ ފަހުން، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، ކޮރަޕްޝަންގެ އެހެން ކުށްތައްވެސް ހިމެނޭގޮތުން އެ ބިލު އަލުން އެކުލަވާލުމަށް ނިންމާފައިވާ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

ރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިތުރުކުރުމަށް ހުށަހަޅާ ދެވަނަ ކުށަކީ، ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށެވެ. ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ހިޔާނާތުގެ ކުށެއް މިހާރުވެސް ހިމެނުނު ކަމުގައިވީނަމަވެސް، އެ ކުށް ގާނޫނުލްއުގޫބާތަށް ހިމެނެނީ ދައުލަތުގެ މުވައްޒަފަކު ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ވަކި ކުށެއްގެ ގޮތުގައި ނޫން ކަމަށްވާތީ، ދައުލަތުގެ މުވައްޒަފުން ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމާއި، ދައުލަތުގެ މުދަލާއި ފައިސާގެ ނަހަމަ ބޭނުންކުރުމާއި ދައުލަތުގެ ފައިސާ، ދައުލަތުގެ މުވައްޒަފެއްގެ އަމިއްލަ ފައިދާއަށް ނުވަތަ އެހެން މީހެއްގެ ފައިދާއަށް، ފައިސާއިން އަގުކުރެވޭ އެހެން އެއްޗަކަށް ބަދަލުކޮށް، އޭގެ އަސްލު ބަދަލުކުރުން ހިމެނޭގޮތުން، ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ވަކި ކުށެއް އިތުރުކުރުމަށް ހުށަހަޅާފައިވާ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

ނުފޫޒުން ވިޔަފާރިކުރުމުގެ ކުށަކީ، ދައުލަތުގެ މުވައްޒަފެއްގެ މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން، އޭނާއަށް ނުވަތަ އެހެން ފަރާތަކަށް، ދައުލަތުގެ އެ މުވައްޒަފު މަސައްކަތްކުރާ އިދާރާއިން ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން ވަޒީފާއެއް ނުވަތަ މަސައްކަތެއް ނުވަތަ ފައިދާއެއް ނުވަތަ ލުޔެއް ހޯދައިދިނުމުގެ މުގާބިލުގައި އޭނާއަށް ނުވަތަ އެހެން ފަރާތަކަށް މަންފާއެއް ދިނުމަށް ވައުދުވުން ނުވަތަ ދިނުމަށް ހުށަހެޅުން ނުވަތަ އެފަދަ މަންފާއެއް ހޯދުމަށް އެދުން ނުވަތަ ގަބޫލުކުރުން ނުވަތަ ގަބޫލުކުރުމަށް އެއްބަސްވުން ކަމަށެވެ.

އޭޖީ އޮފީހުން ބުނީ އެ ކުށްތައް ކަނޑައެޅުމަށް ހުށަހަޅާފައިވާނީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށްތަކެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް، އޭގެ ތެރެއިން ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ފަނޑިޔާރަކު ކޮށްފިނަމަ، އެ ކުށަކީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމުގައި ކަނޑައެޅުމަށް ހުށަހަޅާފައިވާނެކަމަށް އެ އޮފީހުން ބުނެއެވެ.

ރާއްޖޭގެ ގާނޫނުލްއުގޫބާތަށް ސަރުކާރުން ހުށަހަޅާ އިސްލާހުތައް ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު އުވާލުމަށްވެސް ސަރުކާރުން ހުށަހަޅާފައިވާނެކަމަށް ވެސް އޭޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ. އަދި އެ ގާނޫނު އުވާލަން ހުށަހެޅުމާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 23 ވަނަ މާއްދާގައި ހިމެނޭ ކޮރަޕްޝަންގެ މާނަ އިސްލާހުކުރުމަށްޓަކައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްވެސް ސަރުކާރުން ހުށަހަޅާފައިވާނެކަމަށް އެ އޮފީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް