ads
ވެކްސިން
ކޮވިޑް ވެކްސިންއާ ގުޅިގެން ދައްކަނީ ތާކުންތާކު ނުޖެހޭ ކަންބޮޑުވުންތަކެއްގެ ވާހަކަ: ރަޝިއާ
ކޮވިޑާއި ދެކޮޅަށް ރަޝިޔާގައި ތައްޔާރުކޮށްފައިވާ ވެކްސިންގެ ރައްކާތެރިކަމާއި މެދު ދުނިޔެގެ ގައުމުތަކުން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކަކީ އެއްވެސް ތާކުންތާކު ނުޖެހޭ ކަންބޮޑުވުންތަކެއް ކަމަށް އެގައުމުގެ ހެލްތް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެގައުމުގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ލިިބިފައި ވަނީ މީހުންނަށް އެ ވެކްސިން ޓެސްޓްކުރުގެ ދެ މަސްކުރިންނެވެ. އެކަމާއި ގުޅިގެން ތަޖުރިބާކާރުން ވަނީ ރަޝިޔާ އިން މާ އަވަސް އަރުވާލައިގެން ވެކްސިން ބޭނުންކުރަން އުޅޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެތައް ގައުމަކުންވެސް އެ ވެކްސިނާމެދު ޝައްކުކޮށް، ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެގޮތުން ޖަރުމަނާއި ފްރާންސް، ސްޕެއިން އަދި އެމެރިކާގެ ސައިންޓިސްޓުން ވަނީ އެ ވެކްސިނަށް ރައްކާތެރިވުމަށް އިލްތިމާސްކޮށްފަ އެވެ. އިންޓަފެކްސް ނިއުސް އޭޖެންސީއަށް ރަޝިޔާގެ ހެލްތް މިނިސްޓަރު މިކައިލް މުރަޝްކޯ ވިދާޅުވީ ރަޝިޔާގެ ވެކްސިން ތައާރަފްކުރުމުން އެ ގައުމަށް ލިބިގެންދާނެ ވާދަވެރިކަމުގެ ފައިދާތައް ގައުމުތަކަށް އެނގޭތީ އެކަމާއި ގުޅިގެން ވެކްސިންއާ މެދު ރަނގަޅު ސަބަބެއްގެ މައްޗަށް ބިނާކޮށް ތާކުންތާކު ނުޖެހޭ ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. 

މުރަޝްކޯ ވިދާޅުވީ ދެ ހަފްތާ ތެރޭގައި ވެކްސިންގެ ފުރަތަމަ ޕެކޭޖްތައް ލިބޭނެ ކަމަށާއި ފުރަތަމަ އިސްކަން ދެވޭނީ ޑޮކްޓަރުންނަށް ކަމަށެވެ.

އޮކްޓޯބަރު މަހު މާސް ވެކްސިނޭޝަން ފެށޭނެ ކަމަށް ރަޝިޔާގެ އޮފިޝަލުން މައުލޫމާތު ދެއެވެ. އަންގާރަ ދުވަހު ރަޝިޔާގެ ރައީސް ވްލެޑިމިރް ޕުޓިން ވިދާޅުވީ އެ ވެކްސިނަށް ކަނޑައެޅިފައިވާ ހުރިހާ ޝަރުތެއް ފާސްވެފައިވާ ކަމަށާއި އޭނާގެ އަންހެން ދަރިފުޅަށް ވެކްސިން ދީފައިވާ ކަމަށެވެ.

ދުނިޔޭގެ ސިއްހީ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ "ސްޕަޓްނިކް-ވީ" ގެ ނަން ދެވިފައިވާ އެވެކްސިންގެ ރިވިއުއެއް ނެގުމާއި ގުޅޭ ގޮތުން ރަޝިޔާގެ އޮތޯރިޓީތަކާއި މަޝްވަރާކުރެވިފައިވާ ކަމަށެވެ. 

ރަޝިޔާގެ ވެކްސިންގެ ރައްކާތެރިކަމާއި މެދު އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ބުދަ ދުވަހު ޖަރުމަނުގެ ހެލްތް މިނިސްޓަރު ކަންބޮޑުވުން ފާޅުކުރަމުން ވިދާޅުވީ މާ ކުރިން އެތައް މިލިއަން މީހުންނަށް ވެކްސިން ދިނުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ. އަދި އާންމު ކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ވެކްސިން ރަނގަޅަށް ޓެސްޓު ކުރެވިފައި ނުވާ ކަމަށާއި ފުރަތަމަ ވެކްސިނެއް ތައްޔާރުކުރެވޭނެ ބަޔަށް ވުމުގެ ބަދަލުގައި ތައްޔާރުކުރަންވީ ރައްކާތެރި ވެކްސިނެއްކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

އަދި ވެކްސިންގެ ރައްކާތެރިކަމާއި މެދު ޝައްކު އުފެދޭ ކަމަށް އެމެރިކާގެ ޓޮޕް ވައިރަސް އެކްސްޕާޓު ޑރ. ފައުސީ ވެސް ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް