ads
ފޮޓޯ:އެމްއެމްއޭ
މަސްދުވަސް ތެރޭގައި ރާއްޖޭގެ ރިޒާވް 800 މިލިއަނުން 700 މިލިއަން ޑޮލަރަށް
ރާއްޖޭގެ ރިޒާވްގައި ހުރި ޑޮލަރުގެ އަދަދު އެއްމަސް ދުވަހުގެ ތެރޭގައި ބޮޑުތަނުން ދަށަށް ގޮސްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގު ފުރަތަމަ ހަ މަސް ދުވަސް ނިމުނު އިރު، ރާއްޖޭގެ ރިޒާވް ގައި ހުރީ 702.4 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވް ގައި ހުރީ 152 މިލިއަން ޑޮލަރެވެ. 

މި އަހަރުގެ މޭ މަސް ނިމުނު އިރު ރާއްޖޭގެ ރިޒާވްގައި ހުރީ 836.9 މިލިއަން ޑޮލަރު އެވެ. އަދި ޔޫޒަބަލް ރިޒާވްގެ ގޮތުގައި 200 މިލިއަން ޑޮލަރު ހުއްޓެވެ. 

ޔޫޒަބަލް ރިޒާވް ގައި އާންމުގޮތެއްގައި ތިން މަސް ދުވަހުގެ އިމްޕޯޓަށްވާ ވަރަށް ފައިސާ ހުންނަ އިރު، 152 މިލިއަން ޑޮލަރަކީ ރާއްޖޭގެ ދެ މަސް ދުވަހުގެ އިމްޕޯޓަށްވާ ފައިސާ އެވެ. 

ރާއްޖޭގެ ރިޒާވް މިހާބޮޑަށް ދަށްވެފައިވާ އިރު، މިއީ ފާއިތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ރިޒާވް އެންމެ ބޮޑަށް ދަށްވި ފަހަރެވެ. 

އެގޮތުން 2015 ވަނަ އަހަރު ރިޒާވް ގައި 199.5 މިލިއަން ޑޮލަރު ހުރި އިރު 2016 ގައި 200 މިލިއަން ޑޮލަރު އަދި 2017 ގައި 207 މިލިއަން ޑޮލަރު ހުއްޓެވެ. އޭގެ އިތުރުން 2018 ވަނަ އަހަރު ނިމުނު އިރު 281 މިލިއަން ޑޮލަރު ރިޒާވް ގައި ހުރި އިރު، ފާއިތުވި އަހަރު ނިމުނު އިރު ރާއްޖޭގެ ރިޒާވްގައި 315 މިލިއަން ޑޮލަރު ހުއްޓެވެ.

ކޮވިޑް-19 ފެތުރުމުގެ ސަބަބުން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތް މުޅިންހެން ހުއްޓުމަކަށް އައުމުން، ޓޫރިޒަމްގެ ސިނާއަތުން ރާއްޖޭގެ ބޭންކިން ނިޒާމަށް ލިބެމުން އައި ޑޮލަރު ސަޕްލައި ހުއްޓުނެވެ. 

ބަލިމަނޑު ކަމުގެ ސަބަބުން ރާއްޖޭގެ އިމްޕޯޓް ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. 

ކުރީގެ ފިނޭންސް މިނިސްޓަރު މުހައްމަދު ޖަލީލް ވަނީ ރާއްޖެ އަށް ވުރެ ކުޑަ އިގްތިސާދުތަކުގައި ވެސް މިއަށް ވުރެ ރަނގަޅު ރިޒާވްގެ އަދަދު އެބަހުރިކަން ފާހަގަކުރައްވާ މޮރިޝަސް އާއި ސީޝެލްސް އާއި ބޫޓާން ފަދަ ގައުމުތަކުގައި ވެސް އަށް މަސް ދުވަހުގެ އިމްޕޯޓަށްވާ ފައިސާ ރިޒާވްގައި އެބަހުރި ކަމަށް ވިދާޅުވެފަ އެވެ. 

ރާއްޖޭގެ ދަރަނި އެހާ ބޮޑު އިރު، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށްޓަކައި ރާއްޖޭގެ ރިޒާވް ބޮޑުކުރަން ޖެހޭކަން ފާހަގަކުރައްވާ ޖަލީލް ވަނީ ރާއްޖޭގެ ޔޫޒަބަލް ރިޒާވް އެންމެ ބޮޑުވެގެން ވެސް އެވްރެޖްކޮށް ހުންނަނީ ހަތަރު މަހުގެ އިމްޕޯޓަށް ފުދޭވަރުގެ ފައިސާ ކަމަށާއި މިއީ ކުޑަ އަދަދެއް ކަމަށް ވެސް ޖަލީލް ވަނީ ފާހަގަކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް