ads
އަބްދުއްރަހީމް
ޖީއަށް ޝަމީމް ހުރެގެން އެމްއެމްޕީއާރުސީ މައްސަލައިގައި އުފުލާ ދައުވާ ބާތިލްވާނެ: އަބްދުއްރަހީމް
ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައި ހުސެއިން ޝަމީމް ހުންނަވައިގެން އުފުލާ ކޮންމެ ދައުވާއެއް ވެސް ބާތިލުވާނެ ކަމަށް ޕީއެންސީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޖީކަމުގައި ޝަމީމް ހުންނަވައިގެން އެމްއެމްޕީއާރުސީއާ ގުޅިގެން އުފުލާ ކޮންމެ ދައުވާއެއް ވާނީ ބާތިލު ކަމަށާއި އެގޮތަށް އެކަން ދިމާވަނީ އެމައްސަލައިގައި ހިމެނޭ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ވަަކީލުކަން ޝަމީމް ކުރެއްވުން ކަމަށެވެ. 

އޭގެ އިތުރުން އަބްދުއްރަހީމް ވަނީ އެ ސަބަބާހުރެ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާތައް ވެސް ވާނީ ބާތިލު ކަމަށް ވިދާޅުވެފަ އެވެ. 

އަބްދުއްރަހީމް އެގޮތަށް ވިދާޅުވިއިރު މީގެ މަހެއް ކުރިން އޭނާ ވަނީ ސަރުކާރުގެ އެހެނިހެން މުއަސަސާތަކާއި ހިލާފަށް މިއަދުގެ ޕީޖީއިން ފެނިގެންދަނީ ޒިންމާދާރު ސިފަތަކެއް ކަމަށް ކަމަށް ވިދާޅުވެ ޕީޖީ ޝަމީމަށް ތައުރީފް ވެސް ކުރައްވާފަ އެވެ.

އަބްދުއްރަހީމް އެގޮތަށް ވިދާޅުވީ ޖުލައި ހަތް ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ދެކޮޅަށް ޕީޖީއިން އުފުލަމުންދާ ދައުވާތަކާއި ގުޅޭ ގޮތުންނާއި ސަރުކާރުން ކުރަމުންދާ ބައެއް ކަންކަމާއި ގުޅިގެން، އިދިކޮޅުގެ ހުރި ކަންބޮޑުވުންތައް ޕީޖީ ޝަމީމްއާ ހިއްސާކުރެއްވުމަށް ފަހު ވެލާނާގޭ ސަރަހައްދުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ.

އަބްދުއްރަހީމް އެގޮތަށް ވިދާޅުވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާ ދެ ދައުވާއެއްގެ ޝަރީއަތް ވަނީ އަންނަ އަދިއްތަ ދުވަހަށް ތާވަލުކޮށްފަ އެެވެެ.

ރައީސް ޔާމީނުގެ މައްޗަށް އުފުލާ އެ ދެ ދައުވާއަކީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. އެއީ ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުއްޔަށް ދޫކުރި މުއާމަލާތާއި ގުޅިގެން ކުރާ ދެ ދައުވާ އެވެ.

އެ މައްސަލައިގައި ރައީސް ޔާމީނަށް ކުރަނީ ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށެވެ.  

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. 

އަދި ޖޫރިމަނާ ފައިސާ ކަމުގައިވާ ފަސް މިލިއަން ޑޮލަރު ނުވަތަ 77.1 މިލިއަން ރުފިޔާ، ހުކުމް ކުރި ދުވަހުން ފެށިގެން ހަމަސް ދުވަސް ތެރޭގައި ކޯޓަށް ދެއްކުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ. އެކަމަކު މުއްދަތު ހަމަވިއިރު ވެސް އެ ފައިސާ ދައްކާފައި ނުވާތީ އެޓާނީ ޖެނަރަލްގެ އޮފީހުން ވަނީ ފައިސާ ހޯދުމުގެ މަސައްކަތް ކުރަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އަންގާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް