ads
ރައްޔިތުންގެ މަޖިލިސް--
ސިޔާސީ މަގާމާއެކު މުއްސަނދިން އިންތިހާއަށް!؟
ސިޔާސީ ޕާޓީތަކާއެކު ގައުމު ހިންގުމުގެ ދަުތުރުފެށީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. މިއީ ރާއްޖެ ކަޑަތުކުރި ތަރައްގީއެއްކަމަށް ދެކުނު މީހުން ތިބި ނަމަ ވެސް ސިޔާސީ ޕާޓީތަކާއެކު ވެރިކަން ހިންގަން ފެށި ފަހުން ދައުލަތުގެ ފައިސާ އިސްރާފުވަމުންދާ ވާހަކަ އަކީ އާންމު ވާހަކަ އެކެވެ. އަދި ހަމަ އެއާ އެކު ސިޔާސީ މަގާމުތައް ލިބުމާއެކު މީހުން މުއްސަނދިވަމުންދާ ވާހަކަ އަކީ ވެސް މާލެ ތެރޭގައި ހެސްކިޔާފައި ދައްކާ ވާހަކަތަކެވެ.

ރަށުތެރޭގައި ދައްކާ ވާހަކަތަކަށާއި ކަންކަން ހިނގާ މަގަށް ބަލާއިރު ސިޔާސީ މަގާމުތައް ލިބުމުން މުއްސަނދިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކާ މެދު ވިސްނާލަން ނުޖެހޭ ބާއްވަ އެވެ. އާ ގާނޫނު އަސާސީ އާ އެކު އުފެދުނު ހަތަރު ސަރުކާރުގެ ސީނިޔަ ސިޔާސީ ވަޒީފާ އަދާކުރި މީހުންގެ ދިރިއުޅުމުގެ ހާލަތާ މެދު ވިސްނާލަން ނުޖެހޭ ބާއްވައެވެ. ސީނިޔަ މުވައްޒަފުންނެކޭ އެއް ފަދައިން ޖޫނިޔަ މުވައްޒަފުންގެ ދިރިއުޅުން ވެސް ވަރަށް އުޖާލާވެފައި އަތްމަތި ތަނަވަސްކޮށް އުޅޭ ވާހަކަ އަކީ ދައްކާ ވާހަކަ އެކެވެ. ނަމަވެސް ސުވާލަކީ އެ ވާހަކަތައް ދައްކާއިރު އެއް ސަރުކާރު އައިސް އަނެއް ސަރުކާރު އުފެދިގެންދާއިރު  އަލަށް އަންނަ ސަރުކާރުގައި ތިބޭ މީހުންގެ އަތްމަތި ތަނަވަސްކަމަށް ބުނެ އެވާހަކަތައް ދައްކަނީ ކީއްވެތޯ އެވެ.

އެ ސުވާލަށް ސާފު ޖަވާބެއް ނުލިބުނު ނަމަވެސް އެންމެން ދަންނަ ބޮޑު ސިއްރަކަށްވެފައިވަނީ އެއް ވެރިކަން ނިމި އަނެއްވެރިކަން އައިސް ވެރިކަންތައް ބަދަލުވަމުންދާއިރު ވެރިކަންތަކުގައި އިސްކޮށް އުޅުއްވާ ބޭބޭފުޅުންނާއި އެ ބޭބޭފުޅުންގެ އަރިސް ބޭބޭފުޅުންގެ ފަރާތުން ކުރިން ނުފެންނަ ތަނަވަސްކަމެއް ފެންނަ ކަމެވެ. ދައުަލަތުގެ މުސާރައިގެ އޮނިގަނޑު ހަމަޖައްސާފައިވާ ގޮތުން އެ ބޭބޭފުޅުންނަށް މާ ބޮޑެތި މުސާރަތަކެއް ނުލިބެ އެވެ. ބައި ލައްކައެއްހާ ރުފިޔާގެ މުސާރައެއް ލިބުނު ނަމަވެސް ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް މައްޗަށް ގޮސްފައިވުމުން ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމަކީ ވެސއް ދަތިކަމެއްކަމަށް ވެ އެވެ. ނަމަވެސް އެވަރުން ވެސް މާ ތަނަވަސްކަން ހޯދާ ސިޔާސީ މީހުން އުޅޭކަމީ އެންމެން ދަންނަ ހަގީގަތެއްކަމަށް ވެ އެވެ.

 މީހުން ދައްކާ ވާހަކަތަކަށް ބަލާއިރު އޮފީސްތަކަށް ބޭނުންވާ ތަކެތި ގަތުމާއި އެ އޮފީސްތަކުން ހިނގާ މަޝްރޫއުތަކަށް ހިނގާ ހަރަދު ބޮޑުވާ ބޮޑުވުމަކީ  ސިޔާސީ މަގާމަށް އަންނަ މީހާ މުއްސަނދިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ވާޙަކައަށް ނަޒަރު ކުރާއިރު އެކަމުގައި ހަގީގަތެއްވާ ކަމަށް ބެލުމުގެ ފުރުސަތު އޮތް ވަރަށް ގިނަ ކަންކަން ވަނީ ހިނގާ އަދި ފަޅާ އަރާފަ އެވެ. 

އަމިއްލަ އޮފީހަކަށް 2000 ރުފިޔާ އަށް ގަންނަ އެއްޗެހި ސަރުކާރު އޮފީސްތަކަށް ގަންނަން ލިބޭ އަގު ބޮޑު ކަމަށް ވެ އެވެ. އެހެންކަމުން ސަރުކާރުގެ ހަރަދު ބޮޑުވަނީކަމަށް ވެއެވެ. ސުވާލަކީ އެ މަގުން ކަންކަން ހިނގާ ކަމަށް ޒަމާނުންސުރެ ވާހަކަ ދައްކާއިރު އެކަމަށް ހައްލެއް ނުލިބިގެން އުޅެނީ ކީއްވެގެންތޯ އެވެ. މި ވާހަކަތަކަށް ބާރު ލިބޭ ހާދިސާތަކެއް ހިނގައިގެން އުޅޭކަމުގެ ވާހަކަތައް ނޫސްތަކުން ފެނެ އެވެ. އެހެންކަމުން މި ވާހަކަތަކުގައި ހަގީގަތެއް އޮތް ކަމަށް ބެލެވިދާނެ އެވެ.

މުޅި ދުނިޔެ ކޮށިއަރުވާލައި ހާސްކޮށްލި ކޮވިޑުން ސަލާމަތްވުމަށް ރާއްޖެއިން ހޯދަން ބޭނުންވި ސިއްހީ އާލަތްތަކަށް ހަރަދުކޮށްފައިވާ މިންވަރަކީ އެ ފަދަ ކަމަކަން ނުދާނެ މިންވަރެއްކަމަށް ބުނެ އޮޑިޓް ރިޕޯޓްތައް ދަނީ ނެރެމުންނެވެ. އަދި ކޮވިޑާ ގުޅިގެން ތަކެތި ހޯދުމުގައި ނުކިއްސަރު ވަރަށް ގިނަކަންކަން ހިނގާފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ވެ އެވެ. 

އޮޑިޓް ރިޕޯޓް ނެރުމުގެ ކުރިން ވެސް ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި އިދާރާތަކުން އަމަލު ކުރަނީ ހަރަދުކޮށް ކަމަށް ބުނެ އާންމުންގެ ތެރޭގައި ހެސްކިޔާފައި ވާހަކަ ދެއްކި އެވެ. ނަމަވެސް އެ ވާހަކަތައް އަޑު އަހާނެ ފަރާތެއް ނެތް ކަހަލަ އެވެ. މި ފަދަ ވާހަކަތަކުގެ އަޑު އަހާނެ ފަރާތެއް ނެތުމަކީ ފަސް އަހަރުގެ ވެރިކަމެއް ކުރަން އަންނަ ސަރުކާރުގައި ތިބޭ ސިޔާސީ މީހުން މުއްސަނދިވާން ލިބޭ ފުރުސަތަކަށް ނޫނީ ނުވެ އެވެ. އެހެންކަމުން ސަރުކާރުތައް މި އަންނަ ސަބަބުތަކާ މެދު ފުންކޮށް ވިސްނަންޖެހެ އެވެ. ކޮންމެ ފަސް އަހަރަކުން އަންނަ ސިޔާސީ މީހުން މުއްސަނދިވާން އޮތް ގައުމެއް ނަމަ ރައްޔިތުންގެ ބޭނުމެއް އެބަ އޮތްތޯ އެވެ. އެގޮތަކަށް އެކަންކަން ހިނގާ ނަމަ ވެރިކަން ކުރާ މީހުން މި ގައުމުގެ މުއްސަނދިކަމާއި ވަސީލަތްތައް ހިސާހިތަކުން ހުސްކޮށްލަފާނެ އެވެ. އެހެންކަމުން އެކަން އެގޮތަށް ނުވާނެގޮތަކަށް ރައްޔިތުން ނިކުމެގެން ނަމަވެސް މި ގައުމު ސަލާމަތް ކުރަންޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް