ads
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ފައިސަލް މީގެ ކުރިން ކޮށްފައިވާ ޒިޔާރަތުގެ ތެރެއިން---
ނައިބް ރައީސް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދު މެންދުރުފަހު އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިސްވެރިން ވަނީ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތައް ވަރަށް ތަފްސީލުކޮށް ޕްރެޒެންޓޭޝަނަކާއިއެކު ހުށަހަޅާފަކަމަށެވެ.

އަދި އެ ބޭފުޅުންގެ ފަރާތުން އެ ކަންތައްތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އަދި ހައްލުކުރުމުގައި އެހީތެރިކަން ބޭނުންވާ ކަންކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާކުރައްވިކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި، ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ހުރިނަމަވެސް އެ ތަކެތި ބޭނުންކުރުމުގެ ފަންނީ ގާބިލުކަން ލިބިފައިވާ މުވައްޒަފުންގެ އަދަދު މަދުކަމާއި، ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ފާހަގަކުރެއްވިއެވެ.

އަދި އެ ބޭފުޅުން ވަނީ، އެ ކަންކަމުގެ ސަބަބުން ހިދުމަތްތައް ދިނުމުގައި ކުރިމަތިވާ ދަތިތައް ފާހަގަކުރައްވާ، ހޮސްޕިޓަލަށް ބޭނުންވާ ތަފާތު ބޭސްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކުގެ މައުލޫމާތު ވެސް ނައިބް ރައީސް ޢާއި ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ، ތަކުރާރުކޮށް އެކި ބައްދަލުވުންތަކުގައި ފާހަގަކުރާ އެއްގޮތް މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް މިނިސްޓްރީ އޮފް ހެލްތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ އަރިހުން އެދިވަޑައިގަންނަވާފައެވެ. 

އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ތަރައްގީވެގެން ދިއުމުން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުން މަދުކުރެވިގެންދާނެ ކަމުގެ އުންމީދު އޮތްކަމުގައި ވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.

 ހަމައެއާއިއެކު، އެ ހޮސްޕިޓަލަށް ކުރިމަތިވާ ގޮންޖެހުންތަކަށް ވަރަށް ހާއްސަ އިސްކަމެއް ދީގެން އެ ކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރުމަށް ކަމާއިގުޅުންހުރި އިދާރާތަކުގެ އިސްބޭފުޅުންގެ ފަރާތުން ނައިބް ރައީސް  އެދިވަޑައިގެންނެވިކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ފައިސަލް އަރިހުގައި މިނިސްޓްރީ އޮފް ހެލްތް ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

 އަދި އެމަނިކުފާނު ވަނީ މި ވަގުތު މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ދީގެން ހައްލުކުރެވެންހުރި މައްސަލަތައް ހައްލުކުރައްވަން މަސައްކަތްޕުޅު ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، އަވަހަށް ހައްލުކުރަން ޖެހޭ ކަންކަމާއިމެދު ކަމާއިގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާ، އެ ކަންކަމަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެކަމުގައި ވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް