މިނިސްޓަރު ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކާއި އަދި ނިމި ބޭނުންކުރަމުންދާ ތަންތަން ސާފްކޮށް ބެލެހެއްޓުމުގައި ޒުވާނުން ބައިވެރިވުމަކީ ރަނގަޅު ފާލެއްކަމަށެވެ. އަދި މިއީ އުފާވެރި މަންޒަރެއްކަމަށާއި މުޖުތަމައުން ގެއްލެމުންދާ މި ރީތި ސިފަ އަނބުރާ ގެންނަންޖެހޭ ކަމަށެވެ.
މިނިސްޓަރު އެގޮތަށް ޓުވީޓް ކުރައްވާފައިވަނީ ތަރައްގީއަށް ރަަށްރަށުގައި ކުރެވިފައިވާ އަދި ކުރެވެމުންދާ ކަންކަމުގައި ޒުވާނުން ބައިވެރިވެ އެހީތެރިވަމުންދާ މަންޒަރު ފެންނަ ފުޓޯއެއް ހިއްސާކުރައްވާ ކުރެއްވި ޓުވީޓެއްގައެވެ.
އަދި މީގެ އިތުރުން މިއަހަރުގެ ޒުވާނުންގެ ދުވަހުގައިވެސް މިނިސްޓަރު ވަނީ ޒުވާނުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ. އެގޮތުން އަބަދުވެސް ގަބޫލްކުރެވިފައި އޮންނަނީ ޒުވާނުންނަކީ މާދަމާގެ ލީޑަރުންކަމަށާއި އެހެންނަމަވެސް މިއަދުގެ ހަގީގަތަކީ ޒުވާނުންނަކީ މިއަދުގެ ލީޑަރުންކަން މަހުލޫފް ފާހަގަކުރެއްވި އެވެ.
ރަށްރަށުގެ ތަރައްގީއަށްޓަކައި އަދި ޒުވާނުންގެ އުއްމީދުތަކަށް ލުއި ހޯދައި ދެއްވުމަށްޓަކައި ވެސް ގިނަ އަދަދެއްގެ މަޝްރޫއުތައް ރާއްޖޭގެ އެކި ހިސާބްތަކުގައި ފަށާފައިވެ އެވެ. އަދި މީގެ ތެރެއިން ބައެއް ކަންތައްތައް މިހާރު ވަނީ ނިމިފަ އެވެ. އަދި އެ މަސައްކަތްތަކުގައި ޒުވާނުން އަމަލީ ގޮތުން ބައިވެރިވެ ބޮޑު އެހީތެރިކަމެއް ވެސް ވެދޭކަން މަހުލޫފް މީގެ ކުރިންވެސް ފާހަގަކޮށްފައިވެ އެވެ.
މަހުލޫފް ފާހަގަކޮށްފައިވާ ގޮތުގައި ޒުވާނުންގެ ބޮޑު ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. އެކަންކަން ހައްލުކުރުމަށް ޒުވާނުންނާއި އެކީ ޒުވާނުންގެ ހިޔާލު ހޯދައިގެން ކުރިއަށްދާން ނިންމާފައިވާ ކަމަށެވެ.
މަހުލޫފް ވިދާޅުވެފައިވަނީ މިހާރުވެސް ސަރުކާރުން ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު އެކިކަހަލަ ކަންކަން ރާވާ ހިންގަމުންދާ ކަމަށެވެ.
އަދި އޭގެ އިތުރުން އެކިއެކި ދާއިރާތަކުން ފުރުސަތު އިތުރަށް ތަނަސްވަސްކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަންވެސް މަހުލޫފް ދެއްވާފައިވެ އެވެ.