ads
ސިވިލް ކޯޓު ސަރަހައްދު--
ތިލަފުށި ފަޅުގައި އޮތް ބޯޓް މައްސަލާ ބަލާ ގާޒީ ބަަދަލުކޮށް ދިނުމަށް ޖީއެމްއައިިޒެޑްއެލުން އެދިއްޖެ
ތިލަފުށި ފަޅުތެރޭގައި އަޅާފައިވާ އޮތް ދަގަނޑު ބޯޓު "އެމްވީ ސީ ހޯމް ސެފަޔާ" ނަގަން އުޅެނިކޮށް ފުލުހުން އެ މަސައްކަތް ހުއްޓުވުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހަޅާފަައިވާ މައްސަލަ ބައްލަވާ ގާޒީ އަލީ ނަސީރަށް އެ މައްސަލަ އިންސާފުވެރިކަމާ އެކު ނުބެލޭނެކަމަށް ބުނެ ގާޒީ ބަދަލުކޮށް ދިނުމަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިިޒެޑްއެލް)އިން ސިވިލް ކޯޓުގައި އެދެފި އެވެ.

 ސިވިލް ކޯޓުގެ އިސް ގާޒީ އަބުދުﷲ އަލީ އަށާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރަށް އެޑްރެސްކޮށް ޖީއެމްއައިިޒެޑްއެލުން ސިވިލް ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ބޯޓް ނެގުމަށް މަސައްކަތް ކުރި ޕާކަވަން އިންވެސްޓްމެންޓުން ޖީއެމްއައިިޒެޑްއެލްއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ބަލަމުން ގެންދަނީ އެކޯޓުގެ މުދަލާއި ފައިސާ އާއި ބެހޭ ބޮޑު މައްސަލަތައް ބަލަމުން އަންނަ ސެކްޝަނުން ކަމަށާއި އަދި މައްސަލަ ބަައްލަވަމުން ގެންދަވަނީ ގާޒީ އަލީ ނަސީރު ކަމަށެވެ.  

ސީއެންއެމަށް އެނގިފައިވާގޮތުގައި އެ ސިޓީގައި އިތުރަށް ބުނެފައިވަނީ ގާޒީ އަލީ ނަސީރު ނިންމަވާފައިވާ ފައިސާއާ ގުޅޭ ބޮޑެތި މައްސަލަތަކުގެ ހުކުމް ވަރަށް ގިނަ ފަހަރަށް ހައިކޯޓުން ބަދަލުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ދީބާޖާ މައްސަލައާ ސަންޓްރެވަލް އެންޑް ޓުއާސްގެ ފަރާތުން ހިލްޓަން އިންޓަނޭޝަނަލް މެނޭޖް ފަދަ މައްސަލަތައް ހިމެނޭ ކަމަށެވެ.

"އެހެންކަމުން، ބަދަލު ހޯދުމުގެ އެ މައްސަލަ ކުރިއަށް ދަނީ އާންމު އުސޫލެއްގެ މަތިން ޝަރީއަތްތައް ތާވަލުކުރެވޭ ވަރަށް ވުރެ އަވަސް މިނެއްގައިކަން ވެސް ފާހަގަކުރެވޭތީ މައްސަލައިގައި އިންސާފުވެރި ނޫން ގޮތަކަށް ޝަރީއަތްކޮށްފާނެ ކަމަށް ކުންފުނީގެ މެނޭޖްމަންޓަށް ގަބޫލުކުރެވޭ. ކަމަށެވެ. އެ ސަބަބާހުރެ ގާޒީ ބަދަލުކޮށްދެއްވުން އެދެމެވެ." ޖީއެމްއައިިޒެޑްއެލުން ވަކިވަކިން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ހުއްދަ ނުހޯދައި، ޖުލައި، 30، 2012 ގައި ތިލަފުށި ފަޅުތެރޭގައި އަޅާފައި އޮތް އެމްވީ ސީ ހޯމް ސެފަޔާ ގެ ވެރިފަރާތެއް ނޭނގިގެން ސިވިލް ކޯޓު މެދުވެރިކޮށް ދައުލަތަށް ނަގާފައި އޮތް އެ ބޯޓު ފަޅުތެރެއިން ބޭރުކުރުމުގެ މަސައްކަތް އެއްބަސްވުމެއްގެ ދަށުން ހަވާލުކުރީ ޕާކަވަން އިންވެސްޓްމެންޓާއެވެ. އެ ބޯޓު ނަގަން ހަވާލުކުރީ، ފަޅުތެރޭގައި އޮތުމުން ތިމާވެށީގެ ގޮތުންނާއި ވިޔަފާރީގެ ގޮތުން ވެސް ގްރޭޓާ މާލެ ކުންފުންޏަށް ބޮޑެތި ގެއްލުންވަމުންދާތީއެވެ.

އެ ބޯޓް އެތަނުން ނެގުމުގެ ހުރިހާ މަސައްކަތެއް ކުރުމަށް ހިނގާނެކަމަށް ޖީއެމްއައިިޒެޑްއެލުން ލަފާކޮށްފައިވާނީ ގާތްގަނޑަކަށް 2500000 ޑޮލަރު (ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާ) އަށެވެ. ޕާކަވަން އިންވެސްޓްމެންޓުން ޖީއެމްއައިިޒެޑްއެލާ ދެކޮޅަށް ދައުވާ ކުރަނީ 708،511 ޑޮލަރު (ގާތްގަނޑަކަށް 10.9 މިލިއަން ރުފިޔާ) ހޯދުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް