ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މާފަންނު ކޮޅުގައި ރަސްފަންނު ތަރައްގީކޮށް ވަނީ ޕެސްޓް ޕާކް ސަރަހައްދުން ބޮޑުތަކުރުފާނު މަގުން ދުއްވޭގޮތަށް އޮތް އޮތުން ބަދަލުކޮށްފަ އެވެ. އަދި އެ ސަރަހައްދަށް ވެލި އަޅާއި އުސްކޮށްފައި އޮތްނަމަވެސް މިހާރު ވަނީ އުޅަނދު ފަހަރަށް އެ މަގަށް ވަދެވޭ ގޮތަށް މަގު ހުޅުވާލާފަ އެވެ.
ރަސްފަންނު ތަރައްގީކޮށް ވެލި އަޅާފައިވާ އެ ސަރަހައްދުގައި ހުރިން ހުރީ ޖޯލި ބަހައްޓާފަ އެވެ. އެކަމަކު މިހާރު އެތަންތަން ވެސް ވަނީ ނަގާފަ އެވެ.
މާލޭ ސިޓީ ކައުންސިލުން އަންނަނީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލުކޮށްގެން ބިޔަ މަޝްރޫއުއެއް ވެސް ހިންގަމުންނެވެ. 462 މިލިއަން ރުފިޔާ ހަރަދުކޮއްގެން ހިންގާ އެ މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 416 މަގެއް ތަރައްގީ ކުރާނެ އެވެ.