ޝަނާޔާ ބޮލީވުޑަށް ނުކުތުމާއި ގުޅިގެން ތަފާތު އެކި އަޑުތައް އަރަމުންދާ މިދަނޑިވަޅުގައި އޭނާގެ ބައްޕަ ސަންޖޭ ބުނީ ކޮވިޑާއި ގުޅިގެން ދަރިފުޅަށް ބޮލީވުޑަށް ނިކުމެވުން ލަސްވެފައިވާ ކަމަށާއި އެކަމަކު ވަރަށް އަވަހަށް އޭނާ ބޮލީވުޑަށް ނިކުންނާނެ ކަމަށެވެ.
އެކަމަކު ބޮލީވުޑަށް ނިކުންނާނީ ވަކި ކާކުގެ ފިލްމެއްގައި ކަމެއް ނުބުނެ އެވެ.
އުމުރުން 20 އަހަރުގެ ޝަނާޔާ ވަނީ ޖާންވީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު، "ކާގިލް ގާލް" ގެ އެސިސްޓެންޓް ޑައިރެކްޓަރުގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
ސަންޖޭއަކީ ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑުގައި ވިދާލި ތަރިއެކެވެ. އޭނާ ވަނީ ރާޖާ އާއި ޕްރެމް އަދި ސިރްފު ތުމް ފަދަ ކާމިޔާބު ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ. ސަންޖޭގެ އިތުރުން އަނިލް ކަޕޫރަކީ ވެސް ބޮލީވުޑުގައި ކުޅަދާނަ ތަރިއެކެވެ. އަނިލްއަކީ ޝަނާޔާގެ ބޮޑުބޭބެއެވެ.
ޝަނާޔާގެ އެންމެ ގާތް ދެ ރަހުމަތްތެރިންނަކީ ވެސް ފިލްމީ ދާއިރާއަށް ހިތްޖެހިފައިވާ ދެ ކުދިންނެވެ. އެއީ އަނަންޔާ ޕާންޑޭ އާއި ސުހާނާ ހާނެވެ. އެގޮތުން އަނަންޔާ ބޮލީވުޑަށް މިހާރު ތައާރަފުވެފައިވާއިރު ސުހާނާ ވެސް ވަރަށް އަވަހަށް ބޮލީވުޑަށް ތައާރަފުވާނެ ކަމުގެ އަޑުތައް ފެތުރިފައިވެ އެވެ.
މީގެ ކުރިން ޝަނާޔާ ވަނީ އޭނާ އަދި ބޮލީވުޑަށް ނިކުތުމުގެ ކަންކަން ފައިނަލެއް ނުކުރާ ކަމަށް ބުނެފަ އެވެ. އެގޮތުން އަވަސް އަރުވާލައިގެން އެކަން ކުރަން ބޭނުން ނުވާ ކަމަށް ވެސް ބުންޏެވެ.
ބޮލީވުޑަށް އޭނާ ތައާރަފުވާން ޝައުގުވެރިކަން ހުރީ ކޮން ޕްރޮޑިއުސަރަކާއެކުތޯ ސުވާލުކުރުމުން ޝަނާޔާ ބުނެފައި ވަނީ ކަރަން ޖޯހަރަކީ އާއިލީ މީހެއް ކަމަށާއި އަދި އެހާ ހުނަރުވެރި އަދި އެންމެ މޮޅު އެއް ޑައިރެކްޓަރު ކަމަށެވެ. އަދި އޭނާގެ ފިލްމެއް ކަރަން ޑައިރެކްޓް ކުރާ ނަމަ އުފަލުން ރޮވޭނެ ކަމަށް ބުނެ އެވެ.