މަތީ ތައުލީމުގެ ބިލާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީގައި މައުލޫމާތު ހިއްސާކުރުން އޮތީ މިއަދު ހެނދުނު 10:30 އިން 12:00 އަށެވެ.
މަޝްވަރާ ބައްދަލުވުމުގެ ބިލާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ އެ ބިލަކީ ދިވެހިރާއްޖޭގައި މަތީތައުލީމާއި ތަމްރީން ދިނުމުގެ އަސާސްތަކާއި އުސޫލުތައް ކަނޑައަޅައި ތަންފީޒްކުރުމުގެ މުހިއްމު މަގުސަދުގައި ފަރުމާކުރެވިފައިވާ ބިލެއް ކަމަށެވެ.
ބިލުގެ ސަބަބުން ރައްޔިތުންގެ މެދުގައި މަތީތައުލީމުގެ ނިޒާމަށް އިތުބާރު ބޮޑުވެގެން ދާނެކަމަށާއި، ހުނަރުވެރި ފަންނުވެރި ޒުވާނުން މަސައްކަތުގެ ބާޒާރަށް ނެރުމަށް އިތުރު ބާރެއް ލިބިގެން ދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޕްރައިވެޓް ސެކްޓަރުން ހަޔާ އެޑިޔުކޭޝަނަށް ކުރާ އިންވެސްޓްމަންޓްތަކަށް ގާނޫނީ ރައްކާތެރިކަން ލިބެގެން ދިއުމާއި ބިލުގެ ސަބަބުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ޕްރައިވެޓް ޔުނިވާސިޓީތައް އުފެއްދުމުގެ މަގު ފަހިވެގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބިލާ ގުޅޭ ގޮތުން އެކިއެކި ސުވާލުތައް ކޮމެޓީގެ މެންބަރުން ހަޔާ އެޑިޔުކޭޝަން ޓީމާ ކުރިމަތި ކޮށްފައިވާއިރު، އެންމެ ދިގުކޮށް މަޝްވަރާކުރެވިގެން ދިޔައީ، މި ބިލުގެ ސަބަބުން އިތުރުވާނީ ކޮން ވެލިޔުއެއްތޯ އާއި މި ބިލުގެ ސަބަބުން ދައުލަތުގެ ހިންގުން ހަރުދަނާވެ ހަރަދު ކުޑަވެގެންދާނެތޯ ކުރެއްވި ސުވާލުތަކާ ގުޅޭ ގޮތުންނެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ކަންކަމުގައި ލިބޭނެ މަންފާއާއި ފައިދާ ކުރު މުއްދަތެއްގެ ތެރޭގައި ފެންނަން ނުހުންނާނެ ކަމަށާއި ގިނަފަރަށް ކަމެއް ވަކި ގޮތަކަށް އޮތުމުގެ މުހިއްމުކަން ފާހަގަވެގެން ދާނީ ކޮންމެވެސް ބޮޑު މައްސަލައެއް ސިސްޓަމްގެ ތެރެއިން ދިމާވުމުން ކަމަށެވެ. އަދި ތައުލީމީ ކަންކަން ފައިސާއިން އަގު މަގު ކުރަން ދަތިވާނެ ކަންވެސް ފާހަގަކުރެއްވި އެވެ.
އެމް.ކިޔު.އޭ އާއި ޓިވެޓް އޮތޯރިޓީއާއި އަދި އަލަށް ގާއިމް ކުރަން ހުށަހަޅާފައިވާ ރިސާޗް ކައުންސިލް ފަދަ ތަންތަނުގެ ސަބަބުން ދައުލަތުގެ ހަރަދު ބޮޑުވެގެން ނުދާނެތޯ މެންބަރުން ކުރެއްވި ސުވާލައް ޖާވާބު ދެއްވަމުން މިނިސްޓްރީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ވިދާޅުވީ، އެފަދަ އިދާރާތައް ވަކިވަކިއިދާރާތަކުގެ ގޮތުގައި ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ މިއިން ކޮންމެ އިދާރާއަކަށްވެސް އެ އިދާރާއެއްގެ މެންޑޭޓްގައިވާ ކަންކަން ވީހާވެސް މިނިވަން ވިސްނުމެއްގައި، ޤައުމަށް ފައިދާކުރަނިވި ގޮތެއްގައި ކުރިޔަށް ގެންދެވޭނެ މަގުފަހިކުރުން ކަމަށެވެ.
އަދި ވަކިން ހާއްސަކޮށް އެމް.ކިޔު.އޭ ބާރުވެރިކުރުވުމަކީ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ވައުދެއްކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެމް.ކިޔު.އޭ ކަހަލަ އިދާރާތައް ވަކި އިދާރާއެއްގެ ގޮތުގައި ހިންގުމަކީ ދުނިޔޭގެ ގައުމުތަކުގައި އަމަލުކުރަމުން އަންނަ ބެސްޓްޕްރެކްޓިސް އެކެވެ.
ދައުލަތުގެ އެކިއެކި މުއައްސަސާތަކުގައި ތަފާތު އެކި ނަންނަމުގައި ޓްރަސްޓްފަންޑް ހަދާފައި ހުންނަކަމަށާއި ގާނޫނުގައި އެކަން ހިމަނަން ބޭނުންފުޅުވާ ސަބަބަކީ ކޮބާތޯ މެންބަރުން ސުވާލުކުރެއްވުމުން، މިނިސްޓްރީން ޖަވާބުދެއްވި ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި މިފަދަ ފަންޑަކަށް ގާނޫނީ ބާރުވެރިކަން ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ސްޓޫޑަންޓް ލޯން ރިވޯލްވިން ފަންޑެއް ޤާއިމްކުރުން ކަމަށެވެ.
އަދި ގާނޫނީ ބާރުވެރިކަން ލިބިއްޖެނަމަ ތައުލީމީ ދާއިރާއަށް ޑޮނޭޓް ކުރަން ޝައުގުވެރިކަން ހުންނަ ފަރާތްތަކުގެ ފަރާތުން ޑޮނޭޝަންގެ ގޮތުގައި ފައިސާ ފަންޑަށް ލިބުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށާއި ރައްޔިތުންގެ މަޖިލީހުން މިނިސްޓަރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އިތުރަށް ފުރިހަމަވެގެން ދާނެކަން އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.