ads
މިފަހަރު ކޮކިލާބެންގެ ވައިރަލްވީ ރެޕެއް، ހީހީ ހަލާކު!
މީގެ ދެ ދުވަސް ކުރިން މީސްމީޑިޔާގައި ދައުރުވަމުންދިޔަ ސާތު ނިބާނާ ސާތިޔާގެ ކޮކިލާއާއި، ރާޝީ އަދި ގޯޕީ ބަހޫގެ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. އެ ވިޑިއޯ ހަދާފައިވަނީ އިންޖިނިއަރިން ކިޔަވައިގެން ހުރި ނަމަވެސް، ލަވަ އުފެއްދުމުގައި އަތުކުރި އޮޅާލައިގެން މަސައްކަތް ކުރަމުން އަންނަ ޔަޝްރާޖް މުކާޓެ ނަމަކަށް ކިޔާ ޒުވާނެކެވެ.

އެ ޑްރާމާގެ އަސްލު މަންޒަރުން ފެނިގެންދަނީ ގޯޕީ ބަހޫ އާއި ރާޝީއަށް ކޮކިލާ އެއްޗެހި ކިޔާ މަންޒަރެވެ. ނަމަވެސް މި މަންޒަރު ރެޕެއްގެ ސިފައިގައި ތައްޔާރުކޮށް ދޫކޮށްލުމާއެކު އެތައް ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެެވެ. އެ ވީޑިއޯއާ އެކު "ރާޝީ ބެހެން އާއި ކުކަރު" ގެ ނަމުގައި މީމްސް ވެސް ހަދަން ފަށާފައިވެ އެވެ.

ސާތު ނިބާނާ ސާތިޔާގެ ރާޝީ ބެހެންގެ ރޯލުން ފެނިގެންދާ ރުޗާ ހަސަބްނިސް ޒޫމް ޑިޖިޓަލްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެންމެ ފުރަތަމަ ވީޑިއޯ ފެނުމުން އެހާ ކަމުނުދާ ކަމަށެވެ. އަދި އެއީ ތާކުންތާކު ނުޖެހޭ ވީޑިއޯއެކޭ ހިތަށްއެރި ކަމަށެވެ. 

އޭގެ ފަހުން އޭނާގެ ބޭބެ ގުޅާފައި އެ ވީޑިއޯ ޓްވިޓާގައި ވައިރަލް ކަމަށް ބުނުމުން އަނެއްކާވެސް ވީޑިއޯ ބަލާލެވުނު ކަމަށް ބުންޏެވެ. ދެން ރަނގަޅަށް ބަލާލުމުން އެ ކުޑަ ވީޑިއޯ ކޮޅުން ޔަޝްރާޖެ ގެ ކުޅަދާނަ ކަމާއި ވީޑިއޯއަށް ލާފައިވާ ރާގުވެސް ސަޅިކަމަށް ފާހަގަ ކުރެވުނެވެ.

އަދި މީހުންގެ ފަރާތުން ލިބެމުން އަންނަ މެސެޖްތަކާއި ރައްދުތަކާއި މެދު ރުޗާ ބުނެފައިވަނީ، ވަރަށް މަޖާ އަދި ބުނެދޭން ނޭނގޭ ތަފާތު އިހްސާސް އެެއް ކުރެވޭ ކަމަށެވެ. އޭނާގެ ސަޕޯޓަރުންގެ ފަރާތުން މެސްޖުތައް ލިބޭ ކަމަށާއި މަޖާ މީމްސް ވެސް އޭނާއަށް ހިއްސާ ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.  

ރުޗާ އިތުރަށް ބުނެފައި ވަނީ އެ ސީން އަކީ މީގެ 11 އަހަރު ކުރިން ނަގާފައިވާ ސީންއެއް ކަމުން އެހާ ރަނގަޅަށް ހަނދާންވެސް ނެތް ކަމަށެވެ. ނަމަވެސް އެތައް ބަޔަކު އޭނާއަށް ސުވާލު ކުރަމުންދާތީ ހަނދާން އާކޮށްލުމުން އެސީންގައި ކަންތައް ވެގެންދިޔަ ގޮތް ހަނދާންވި ކަމަށެވެ. އެގޮތުން އެ ޑްރާމާގައި ރާޝީއަކީ ނުބައި ނުލަފާ ކަންތައްކޮށް މީހަކު ކޮންމެވެސް މަޅިއެއްގައި ބައްދާލަން މަސައްކަތް ކުރާ މީހެއް ކަމަށާއި ކުކަރުގައި ހުރި އެއްޗެހި ނެގުމަށްފަހު ހުސް ކުކަރު ބެހެއްޓީ ގޯޕީއަށް ޖެއްސުން ކުރަން ކަމަށެވެ.

އެކަމާއި ގުޅިގެން އޭރު ގޯޕީގެ ރޯލުން ފެނިގެންދިޔަ ޖިއާ މަނެކް ބުނީ އޭނާއަށް ވެސް ވީޑިއޯ ފެނުނުއިރު ވައިރަލްވެފައިވާ ކަމަށާއި އެކި މީހުންގެ ފަރާތުން ތަފާތު ޝުއޫރުތައް ލިބެމުން އަންނަ ކަމަށެވެ. އަދި އެންމެ ކުރިން އެ ޑްރާމާ އިން ވައިރަލްވީ ލެޕްޓޮޕް ދޮންނަ ސީން ކަމަށާއި އެކަމަކު ބެލުންތެރިންގެ ފަރާތުން އަދިވެސް ލިބެމުން އަންނަ ތަރުހީބަށް އުފާކުރާ ކަމަށެވެ. އަދި ޝޯގެ ބައިވެރިއަކަށް ވުމުން އުފާކުރާ ކަަމަށް ވެސް ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް