މި ހަފްތާގެ ތެރޭގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގުރާމްތަކުގެ ތެރެއިން ސިލްސިލާ ގޮތެއްގައި އެ މިނިސްޓްރީއިން ކުރިޔަށް ގެންދާ "ލެޓްސް ޓޯކް ޔޫތު" ޝޯ، އަންނަ އަންގާރާ ދުވަހުގެ ރޭ ނުވައެއް ޖަހާއިރު ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީއިން ބުނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އެއްތަންވެގެން ޕްރޮގްރާމްތައް ކުރިޔަށް ނުގެންދެވޭތީ ވާޗުއަލްކޮށް ޒުވާނުންނަށް އަމާޒުކޮށް ކުރިޔަށް ގެންދާ ޕްރޮގްރާމެއްގެ ގޮތުގައި މި ހަފްތާގެ ޝޯ ކުރިޔަށް ގެންދާނީ އައުޓްޑޯ ގާޑެނިންއާ ގުޅޭގޮތުންކަމަށް ޔޫތް މިނިސްޓްރީން ބުނެ އެވެ.
ޔޫތް މިނިސްޓްރީން ބުނީ ޝޯ ކުރިޔަށްދާ ވަގުތު މިނިސްޓްރީގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެ ކަމަށާއި އަދި ކޮމެންޓް ސެކްޝަންގައި ސުވާލު ކުރާ ފަރާތްތަކުގެ ސުވާލުތަކަށް ޝޯގައި ބައިވެރިވާ ބޭފުޅުން ޖަވާބު ދެއްވާނެ ކަމަށެވެ.
ޔޫތް މިނިސްޓްރީން ވަނީ މިހާތަނަށް "ލެޓްސް ޓޯކް ޔޫތު" ޝޯގެ 12 ޝޯ ކުރިޔަށް ގެންގޮސްފަ އެވެ.
އޭގެ އިތުރުން ޔޫތު މިނިސްޓްރީން އަންނަނީ އަތޮޅު ތެރޭގައި ތިބި ޒުވާނުންނަށް އަމާޒުކޮށްގެން ވެސް ހާއްސަ އޮންލައިން ސެޝަންތަކެއް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން "އެނގިލަމާ" ގެ ނަމުގައި ކުރިޔަށް ގެންދާ ޕްރޮގްރާމްގައި މި ހަފްތާ ފ. ދަރަނބޫދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން ސެޝަންއެއް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފަކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެ އެވެ.
"އެނގިލަމާ" ޕްރޮގްރާމްގެ ދަށުން ވެސް މިހާތަނަށް ނުވަ ރަށެއްގައި ޒޫމް މެދުވެރިކޮށް ސެޝަންތައް ބާއްވާފައި ވާނެކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.