ads
އައިޖީއެމްއެޗް-- ފޮޓޯ: ރާއްޖެއެމްވީ
އިންފުލުއެންޒާ ވެކްސިން ހުހެއް ނުވޭ: އެޗްޕީއޭ
ރާއްޖޭގެ އިންފްލުއެންޒާ ފެތުރެން ފަށާފައި ވާއިރު، އިންފުއެންޒާ ވެކްސިން ހުސްވެފައިވާ ކަމަށް ފެތުރޭ ހަބަރުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދޮގުކޮށްފި އެވެ.
ރާއްޖޭގައި އިންފްލުއެންޒާ ފެތުރެން ފަށާފައި ވާއިރު، އިންފުލުއެންޒާ ވެކްސިން ހުސްވެފައިވާ ކަމަށް ފެތުރޭ ހަބަރުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދޮގުކޮށްފި އެވެ.

އިންފުލުއެންޒާ ރާއްޖޭގައި އިތުރުވަމުން ދާއިރު ވެކްސިން ހުސްވެފައިވާ ކަމަށް އަޑުތައް ވަނީ އަރާފަ އެވެ. އެކަމާ ގުޅޭ ގޮތުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނިޝާން ވިދާޅުވީ އިންފުލުއެންޒާ ވެކްސިން ހުސްނުވާ ކަމަށާއި އެސްޓީއޯ ޕާމަސީތަކުން ލިބެން ހުންނާނެ ކަމަށެވެ.

"އަޅުގަނޑު އިއްޔެ ބަލާލިން، އެބޭފުޅުން ވިދާޅުވީ މާލެގައި ވެސް އެބަހުރި ކަމަށް އަތޮޅުތެރޭގައި ވެސް އެބަހުރި ކަމަށް، ދެން ހަމަ ވެކްސިން އެބޭފުޅުން މޮނީޓާ ކޮށްފައި އިތުރަށް ގެނައުމުގެ މަސައްކަތް ވެސް ކުރަމުން ދަނީ،" ނިޝާން ވިދާޅުވި އެވެ.

އެޗްޕީއޭގެ ތަފާސްހިސާބު ދައްކާ ގޮތުން މިދިޔަ މަހު އިންފްލުއެންޒާ އަށް ޝައްކުވެގެން 261 މީހަކު ޓެސްޓުކޮށްފައި ވެއެވެ. އެގޮތުން އޭގެ ތެރެއިން 130 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި އިންފުލުއެންޒާ ބަލިޖެހުމުން ބޮޑަށް ނުރައްކާވާނެ ފަރާތްތަކަކީ މާބަނޑު މީހުންނާއި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި، ސިކުނޑީގެ ބަލި ހުންނަ ކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނެވެ.

އޭގެ އިތުރުން ހަކުރު ބަލި، ހިތުގެ ބަލި، ކިޑްނީ ބަލި އަދި ފުއްޕާމޭގެ ބަލިތައް ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ހުންނަ މީހުންނާއި ތެލެސީމިއާ ފަދަ ލޭގެ ބަލިތައް ހުންނަ ކުދިން އަދި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން ވެސް އެބަލި ޖެހުމުގެ ނުރައްކާ ބޮޑު ކަމަށް އެޗްޕީއޭ އިން ވަނީ މައުލޫމާތު ދީފައެވެ.

އަދި އެ ފަރާތްތަކުން ވެކްސިން ޖެހުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިންފްލުއެންޒާ އަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. އޭގެ ތިން ވައްތަރެއް ވެއެވެ. އެއީ އިންފްލުއެންޒާ އޭ، ބީ އަދި ސީ އެވެ.

އިންފްލުއެންޒާ އޭ އަކީ ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް ވައިރަސް އެރުމުން ޖެހޭ ބައްޔެވެ. އަދި އިންފްލުއެންޒާ ބީ އަކީ އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް ވައިރަސް އެރުމުން ޖެހޭ ބައްޔެކެވެ. އެގޮތުން މިއީ މޫސުމީ ގޮތުން ފެތުރޭ ވައިރަހެކެވެ. އަދި މިއީ އެންމެ ނުރައްކާތެރި ވައްތަރެވެ. އިންފްލުއެންޒާ ސީ އަކީ އާދައިގެ ރޯގާއެއް ގޮތަށް ޖެހޭ އަދި މި ބާވަތުގެ އެންމެ ނުރައްކާ ކުޑަ ވައްތަރެވެ.

އިންފްލުއެންޒާގެ ސަބަބުން މިދިޔަ އާދިއްތަ ދުވަހު ވަނީ މީހަކު މަރުވެފަ އެވެ. މިދިޔަ މަހުގެ ތެރޭގައި އުމުރުން 17 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ވެސް އެ ބަލީގައި މަރުވެފައި ވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް