ads
ރޮޒައިނާ އާދަމް--
އައްޑޫއިން ތަނެއް ވިއްކާލާކަށް ނޫޅޭ، ހަދަނީ ފުލުސް އެކަޑަމީއެއް: ރޮޒެއިނާ
އައްޑޫއިން ތަނެއް ވިއްކާލަން ނޫޅޭ ކަމަށާއި އެތަނުގައި ހަދަނީ ފުލުހުންގެ އެކަޑަމީއެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ސިޔާސީ ދުނިޔެ ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ސިޔާސީ އިދިކޮޅު ފަރާތްތަކުން އައްޑޫގެ ތަނެއް ވިއްކާލައިގެން އުޅޭކަމަށް ބުނެ ހަދަނީ ހުސް ދޮގު ކަމަށާއި އެއްވެސް ތަނެއް ވިއްކާ ނުލާ ކަމަށެވެ. އަދި އެތަނުގައި ހަދަނީ އިންޑިއާގެ 30 މިލިއަން ޑޮލަރުގެ ގުރާންޓް އެހީއެއްގެ ދަށުން ހަދާ ފުލުހުންގެ އެކަޑަމީއެއް ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ އެއީ "މިލިޓަރީ ބޭސް" އެއްވެސް ނޫން ކަަމަށާއި އެތަނަކީ މަސައްކަތް ނިމުމާއިއެކު ދިވެހި ސަރުކާރާއި ހަވާލުކުރެވޭނެ ތަނެއް ކަމަށެވެ. އެ ޕްރޮޖެކްޓާއިއެކު އައްޑޫގެ އިގްތިސާދު ފުޅާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. 

"ދިވެހި ފުލުހުންގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. ދިވެހި ފުލުހުންގެ އެކަޑަމީއެއް އެތާ މިހަދަނީ އަދި އޭގެ އިތުރުން ކައުންސިލާއި ސަރުކާރުން ވެސް މިހާރު އެބަ ވިސްނާ އެތަނުގަ މި ޕޮލިސް އެކަޑަމީގެ އިތުރުން އެހެން ޔުނީފޯމް އެޅި ބޮޑީސްތަކުގެ ޓްރޭނިންތައް މިސާލަކަށް ކަސްޓަމްސް ފަދަ ތަންތަނުގެ ޓްރޭނިންތަކާއި އޭގެ އިތުރުން ލޯ، އެ ފީލްޑް ކިޔަވަން ބޭނުންވާ ކުދިންނަށް ފުރުސަތު ހުޅުވާލުމާއި ފޮރެންސިކް ސައިންސަސް ފުރުސަތުތައް ހުޅުވާލެވިގެންދާނެ. އެހެންވީމަ އެގޮތަށް އެތަނުގަ ޕޮލިސް އެކަޑަމީއެއް މި ފުޅާމިނުގައި ހިންގާއިރުގައި އެއީ އައްޑޫގެ އިކޮނޮމީއަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް،" ރޮޒެއިނާ ވިދާޅުވި އެވެ.

އައްޑޫއަކީ އިންޑިއާ ބަޔަކަށް ވިއްކާލާފައި އޮތް ތަނެއް ނޫން ކަމަށް ބުނާ ވާހަކަ ތަކުރާރުކުރައްވާ ވިދާޅުވީ އެއީ އިންޑިއާ ބަޔަކު ތިބެން ހަދާ ތަނެއް ނޫން ކަމަށާއި، އެ ވާހަކަތަކަކީ އޮޅުވާލުމާއި ވަރަށް ބޮޑު ދޮގުތަކެއް ހަދައިގެން ދިވެހި ސަރުކާރާއި އިންޑިއާ އަދި ރައްޔުތުންނަށް ޖެއްސުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަމެއް ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެ މަސައްކަތް ކުރާ ބޭނުން ވެސް އޮޅިގެން ނޫޅޭ ކަމަށެވެ. މިހާރު އިދިކޮޅު ފަރާތްތަކަށް ވެގެން އުޅޭ ގޮތަކީ އިންޑިއާ އާއި އެކު ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކުން ރާއްޖެއަށް ފަސް އަހަރުގެ ތެރޭގައި ލިބިގެން ދާނެ ތަރައްގީ ފެނި އެ ފަރާތަތްކަށް ވެރިކަމަށް އަންނަން ފުރުސަތު ނުލިބިދާނެތީ ބިރުގަންނަނީ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް