ads
ރަޖިސްޓްރީނުކޮށް ހިންގާ އެފަދަ ތަންތަނުން ހިދުމަތް ނުހޯދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ——ފުޓޯ: ރާއްޖެ އެމްވީ
ރަޖިސްޓްރީ ނުކޮށް އޮންލައިން ވިޔަފާރި ނުކުރުމަށް އަންގައިފި
އެއްވެސް ފަރާތަކުން ކާބޯތަކެތީގެ ވިޔަފާރި ކުރާނަމަ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ނެގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެޗްޕީއޭ އާއި ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނުނަގާ، ގަވާއިދާ ހިލާފަށް ރަޖިސްޓްރީނުކޮށް، ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތްތައް ދެމުން ގެންދާކަން އެ އެޖެންސީއަށް ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން ރަޖިސްޓްރީ ނުކުރާ ބަދިގެ ފަދަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި، ފިހާރަތަކާއި ގޭގޭގައި ކާބޯތަކެތީގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް އޮންލައިން ޕްލެޓްފޯމްތަކުގައާއި އެހެނިހެން ގޮތްގޮތަށް އިޝްތިހާރުކޮށް ޑެލިވަރީގެ ހިދުމަތް ދެމުންގެންދާކަމުގެ މައުލޫމާތާއި ޝަކުވާ އެ އެޖެންސީއަށް ލިބެމުން އަންނަ ކަމަށް އެޗްޕީއޭގެ އިއުލާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން އެއްވެސް ފަރާތަކުން ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭނަމަ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާއި ކަމާގުޅޭ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ނެގުމަށް އެދޭކަމަށެވެ. އަދި ހިދުމަތް ހޯދާ ފަރާތްތަކުން ވެސް ރަޖިސްޓްރީނުކޮށް ހިންގާ އެފަދަ ތަންތަނުން ހިދުމަތް ނުހޯދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެފަދަ ވިޔަފާރިތައް ރަޖިސްޓްރީކުރުމަށް މިނިސްޓްރީ އޮފް ހެލްތުގައިވާ އޮންލައިން  ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އެޗްޕީއޭއިން އިތުރަށް ބުނީ ރަޖިސްޓްރީ ނުކޮށް، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ މެދު ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް