ads
ފޮޓޯ: ސޯޝަލް މީޑިއާ
ބަލިވެއިންނަ ދުވަސްވަރު ބުރަކަށީގައި ރިއްސާނަމަ އަވަހަށް މިކަންކަން ކޮށްލާ
ބަލިވެއިނުމަށް ފަހު ދިމާވާ އެކި އެކި އުނދަގޫތަކުގެ ތެރޭގައި ބުރަކަށީގައި ރިހުމަކީވެސް ވަރަށް ގިނަ ފަރާތްތަކުން ތަހައްމަލުކުރާ ކަމެކެވެ.
ބަލިވެއިނުމަށްފަހު ދިމާވާ އެކިއެކި އުނދަގޫތަކުގެ ތެރޭގައި ބުރަކަށީގައި ރިހުމަކީވެސް ވަރަށް ގިނަ ފަރާތްތަކުން ތަހައްމަލުކުރާ ކަމެކެވެ. އަދި މި ވޭނުގައި ރޭނގަޑުގެ ނިދި ނަގާލާ މުޅި ރޭގަނޑުގެ ވަގުތު އެ ވޭނުގައި އުޅޭ ފަރާތްތައްވެސް މަދެއް ނޫނެވެ.

މި ރިޕޯޓުގައި މިބަލާލަނީ މިކަމަށް ހޯދިދާނެ ބައެއް ކަހަލަ ލުއިތަކަށެވެ. ފުރަތަމަ މިބަލާލަނީ ބަލިވެއިނުމަށް ފަހު ބުރަކަށީގައި ރިއްސަނީ ކީއްވެގެން ކަމެވެ. އެގޮތުން ބައެއް ދިރާސާތަކުން ދައްކާގޮތުން ބަލިވެއިނުމަށް ފަހު ވިހެއުމާއި، ދޭތެރޭ ކޮންމެ ދުވަސްވަރެއްގައި ވެސް މިއީ ކުރިމަތިވެދާނެ މައްސަލަ އެކެވެ. ބަލިވެއިންނަ 50 އަދި 70 އިންސައްތައިގެ އަންހެނުންނަށް ބަލިވެއިނުމާއި ގުޅިގެން ބުރަކަށީގައި ރިހުމުގެ އުދަގުލާއި ކުރިމަތިލާން ޖެހޭ ކަމަށްވެސް ވެއެވެ. އަދި ބަލިވެއިނުމުގެ ކުރިން ބުރަކަށީގައި ރިހުން ހުރެފައި، ކުރިންވެސް މާބަނޑު ދުވަސްވަރު ރިހުން ހުރި ނަމަ، ދެވަނަ ފަހަރަށް ބަލިވެ އިނުމުންވެސް އެކަން ތަކުރާރުކޮށް ކުރިމަތިވެދާނެ ކަމަށްވެސް ބައެއް ދިރާސާތަކުން ދައްކަ އެވެ.

މާބަނޑުވުމުގެ ކުރިން ހެލިފެލިވެއުޅުން މަދުވުމަކީ ވެސް މާބަނޑުވުމުން ބުރަކަށީގައި ރިހުން ކުރިމަތިވުމުގެ ފުރުސަތު އިތުރުކުރާ ކަމެއްގެ ގޮތުގައި ވެއެވެ. އަދި އެއްމާބަނޑު ދެކުދިންނަށް ބަލިވެއިނުމާއި، މާބޮޑަށް ހަށިގަނޑު ބުރަހެލިވެ ފަލަވުމަކީ ވެސް ބަލިވެއިނުމުން ބުރަކަށީގައި ރިހުމުގެ ފުރުސަތު ބޮޑުވާ ކަންކަމެވެ.

ރިޕޯޓުގައި ދެން މި ބަލާލަނީ ބަލިވެއިނުމަށް ފަހު ބުރަކަށީގައި ރިއްސާ ސަބަބުތުތަކުގެ ތެރެއިން ބައެއް ސަބަބުތަކަކަށެވެ.

ހޯރމޯންގެ މިންވަރު އިތުރުވުން:
މާބަނޑުވުމުން ދޫކުރާ ހޯމޯންތަކާއި ގުޅިގެން، މައިބަދަ އަދި ޚާއްސަކޮށް ޅިނދު ހިމެނޭ ހިސާބުގެ ލިގަމެންޓްތައް މަޑުވެ ހަމަޖެހި، ހުޅުތަކަށް ދޫކަން ލިބެ އެވެ. މިއީ ވިހެއުމަށް ތައްޔާރުކުރުމުގެ ގޮތުން އަންނަ ބަދަލުތަކުގެ ތެރެއިން ބަދަލެކެވެ. މިބަދަލުގެ ސަބަބުން އާންމު ގޮތެއްގައި ބުރަކަށްޓަށް ލިބިދޭ ވާގިވެރިކަމަށް ބަދަލުއާދެ އެވެ.


ބަރުދަން އިތުރުވުން:
އާންމު ގޮތެއްގައި މާބަނޑު ދުވަސްވަރު ގާތްގަނޑަކަށް 12 ކިލޯވަރު އިތުރުވެ އެވެ. ބަރުދަން އިތުރުވުމުން ހަށިގަނޑަށް އަންނަ ބުރަހެލިކަމުގެ ބާރު ކުރާނީ ބުރަކަށްޓާއި، މައިބަދަ އަށެވެ. މިއީ ބުރަކަށީގައި ރިހުމަށް މެދުވެރިވާނެ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.


ކޮޅަށް ހުންނަ ގޮތަށް ބަދަލުއައުން:
މާބަނޑު ވުމަކީ އެމީހަކު ކޮޅަށް ހުންނަ ގޮތަށް ބަދަލުތަކެއް އަންނަ ކަމެކެވެ. އެގޮތުން ބަނޑުބޮޑުވަމުންދާ ވަރަކަށް މީހާގެ ބެލެންސް ހިފެހެއްޓުމަށްޓަކައި، މައިބަދަ އިދިފުށަށް ދެމެމުންދާނެ އެވެ. މިހެންވުމުން މައިބަދައިގެ ހުޅުހުޅަށް ދެމި ރިހޭގޮތް ދިމާވާ ކަމަށްވެސް ބައެއް ދިރާސާތަކުން ދައްކަ އެވެ.


މަސްތައް ވަކިވުން:
މާބަނޑުވެ، ރަހިމު ފުޅާވެ، ބޮޑުވަމުން އަންނައިރު، ބަނޑުގެ މެދުން ދެފަރާތަށް ވާގޮތަށް އިންނަ މަސްގަނޑު އޭގެ މެދުން ލެވިފައިވާ ޓިޝޫ ފޮތިން ވަކިވާގޮތް ވުމުންވެސް ބުރަކަށީގައި ރިހުން ބޮޑުވާ ކަމަށް ހެދިފައިވާ ބައެއް ދިރާސާތަކުން ދައްކަ އެވެ.


ފިކުރުބޮޑުވުން:
ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކާއި، ފިކުރުބޮޑުވުން ތަކުގެ ސަބަބުން، ބުރަކަށީގެ މަސްތަކަށް ވަރުބަލިކަން ގެނެސްދެ އެވެ. މިއީ ބަލިވެއިނުމަށް ފަހު ވަރަށް ވިސްނަންޖެހޭ ކަމެކެވެ. ފިކުރު ބޮޑުވުމުން މިނޫންވެސް ވަރަށް ގިނަ ކަންތައްތައް އަންހެން މީހާއަށް ކުރިމަތިވެ، ބަނޑުގައި އޮންނަ ތުއްތު ދަރިފުޅަށްވެސް ގެއްލުންވެ އެވެ. އެހެންކަމުން ބަލިވެ އިންނަ ދުވަސްވަރުގައި ވީހާވެސް ފިކުރުތަކާ ދުރުވެ އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ.


ބުރަކަށީގައި ރިހުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:
- ގަވާއިދުން ކަސްރަތުކުރުން
- ހަށިގަނޑު ސީދަލަށް ބަހައްޓައިގެން އުޅެވޭތޯ ބެލުން
- ތާފަނާފެނުން ދުވާލަކު މަދުވެގެން 2 ފަހަރު ފެންވެރުން
- ހަރު ގޮދަނޑިއެއްގައި ނިދަން އާދަކުރުން
- ފުންނާބު އުސް ފައިވާން، ނުވަތަ ބޫޓަށް ނޭރުން
- އުއްޑުން އޮވެ ނުނިދުން
- ބަރު އެއްޗެތި އުފުލާ ނުހެދުން
- އެކިޔުޕަންޗަރ ހެދުން
- ނިދާއިރު ބަނޑުދަށަށް ވާގޮތަށް ބާލީހެއްލައްވައިގެން އޮށޯވެ އޮތުން ހިމެނެއެވެ.

އެހެންކަމުން ބަލިވެއިންނަ ދުވަސްވަރުގައި ބުރަކަށީގައި ރިއްސާކަމަށްވާނަމަ ގޭގައި އަމިއްލައަށް މިފަދަ ކަންތައްތައް ކޮށްގެން އުފާވެރި ކަމާއެކު މާބަނޑު ދުވަސްތައް ހޭދަކުރެވިދާނެ އެވެ. އަދި މިފަދަ ކަންތައްތަކަކީ ފަރުވާ ކުޑަ ކުރުމުގެ ބަދަލުގައި އަމިއްލައަށް ނުވާނަމަ ފިރިމީހާގެ އެހީތެރިކަމާއި އާއިލާގެ މެމްބަރުންގެ އެހީތެރިކަމާ އެކުގައި ކުރެވިދާނެ ކަންކަމެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް