
ރިޕޯޓްތައް ބުނާ ގޮތުގައި ޕާތު ވަނީ މީގެ ދުވަސްކޮޅެއް ކުރިން ނޯޓިސް ވެސް ދީފަ އެވެ. އެގޮތުން އޭނާ ޝޫޓިންގައި ބައިވެރިވާނެ އެންމެ ފަހު ތާރީހަކީ މިމަހުގެ 11 ކަމަށް ބުނެ އެވެ.
އަދި ޕާތު ޝޯ ދޫކޮށްލަން ނިންމީ އެ ޝޯގެ ވާހަކައަށް ގެނައި ބަދަލުތަކާއި މެދު އެހާ ހިތްހަމަނުޖެހޭތީ އެވެ. އެގޮތުން މިހާރު އެންމެ ބޮޑަށް ޝޯގައި ފޯކަސްކޮށްފައި ވަނީ ޕްރެނާ އާއި ބަޖާޖުގެ ބަޔަށް ކަމުންނެވެ.
މީގެ ކުރިން އެންމެ ބޮޑަށް ދައްކުވައިދިނީ އަނުރާގް އާއި ޕްރެނާގެ ދިރިއުޅުމެވެ. އަދި މިހާރު ލިބޭ މުސާރައަށް އުމުރުން 10 އަހަރުގެ ކުއްޖެއްގެ ބައްޕަގެ ރޯލު ކުޅެން ވެސް ޕާތު އެހާ ހިތްހަމަނުޖެހޭ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އެކަމަކު މިއީ ކަސޯޓީގެ ސަޕޯޓަރުންނަށް އުފާވެރި ހަބަރެކެވެ. އަނުރާގުގެ ރޯލުގައި ދެމި ހުންނަން ޕާތު މިހާރު ނިންމާފައި މިވަނީ އެ ޝޯގެ ޕްރޮޑިއުސަރު، އެކްތާ ކަޕޫރުގެ އެދުމުގެ މަތިންނެވެ. އެގޮތުން ޕާތު އެދޭ ގޮތަށް ކުރިއަށްދާން އެކްތާ މިވަނީ އެއްބަސްވެފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެއާއެކު ދެން ޝޯގައި ފޯކަސް ކުރާނީ އަނުރާގް އާއި އެރިކާ އަދި އެމީހުންގެ ދަރިފުޅުގެ ރޯލަށެވެ. އަދި ބަޖާޖްގެ ރޯލުން ފެންނަ ކަރަން ޕަޓޭލް އާއި ކޮމޯލިކާގެ ރޯލުން ފެނިގެންދާ އަމްރާ ޝަރީފް ވެސް ޝޯގައި މުހިއްމު ރޯލެއް އަދާކުރާނެ އެވެ.
މީގެ ކުރިން ވެސް ޝޯގައި ކޮމޮލިކާގެ ރޯލުގައި މަސައްކަތް ކުރަމުން ދިޔަ ހީނާ ހާން ޝޯ ދޫކޮށްލުމާއެކު އެ ރޯލުން މިހާރު ފެނިގެންދަނީ އަމްނާ ޝަރީފް އެވެ. އަދި ބަޖާޖުގެ ރޯލުން ފެނިގެންދިޔަ ކަރަން ސިންގް ގްރޯވާގެ ވެސް ޝޯ ދޫކޮށް ގޮސްފައިވާތީ މިހާރު އެ ރޯލުން ފެނިގެންދަނީ ކަރަން ޕަޓޭލް އެވެ.
އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާ ކަމަށްވާ ކަސޯޓީ ޒިންދަގީ ކޭގެ ފުރަތަމަ ބައި ދައްކާފައިވަނީ 2001 ވަނަ އަހަރުއެވެ. އެ ޝޯއިން ލީޑު ރޯލު ކަމަށްވާ ޕްރެނާގެ ރޯލުން ފެނިގެންދިޔައީ ޝުވެތާ ތިވާރީއެވެ. އަދި ކޮމޮލިކާގެ ރޯލުން އުރްވަޝީ ދޮލާކިއާ ފެނުނުއިރު އަނުރާގްގެ ރޯލުން ފެނިގެންދިޔައީ ސުޒޭން ހާނެވެ.
2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން 25 ވަނަ ދުވަހުން ފެށިގެން ކަސޯޓީގެ ދެވަނަ ބައި ދައްކަމުން އަންނައިރު ގިނަ ބަޔަކު ވަނީ އަނުރާގް އާއި ޕްރެނާގެ ޖޯޑު ބަލައިގެންފަ އެވެ.