ads
ކުޅުދުއްފުށީގެ ލޯކަލް މާރުކޭޓް -- ފޮޓޯ: ކޭއޯ
ތަރުކާރީއާއި މެވާ ވިއްކާ ވިޔަފާރިތަށް ރަޖިސްޓްރީ ނުކުރާނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރަނީ
ތަރުކާރީއާއި މެވާ ވިއްކާ ވިޔަފާރިތަށް ރަޖިސްޓްރީނުކޮށް ހިންގާނަމަ 10،000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށާއި ވިޔަފާރި ހިންގާ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަ ނުވާނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ހަމަޖައްސައިފިއެވެ.

މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމެންޓް އިން އާންމުކުރި ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގައި ވާގޮތުން ތަރުކާރީއާއި މޭވާ ވިއްކާ ފަރާތްތަކުން "ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު" ގެ ދަށުން ތަނެއްގައި ގާއިމުވެ ނުވަތަ ތަނެއްގައި ގާއިމުނުވެ ވިއަސް ތަރުކާރީ ނުވަތަ މޭވާ އާންމުންނަށް ވިއްކާނަމަ ރަޖިސްޓްރީކުރަން ޖެހޭނެއެވެ.

އަދި އެއްވެސް ބާވަތެއްގެ ތަރުކާރީއެއް ނުވަތަ މޭވާއެއް ހިމެނޭ ގޮތަށް އެކި ބާވަތްތަކުގެ މުދާ ވިއްކުމާއި، އިލެކްޓްރޯނިކް ޒަރީއާއިން އާންމުންނަށް ތަރުކާރީ ނުވަތަ މޭވާ ވިއްކުމުގެ އިތުރުން އެއް ފަރާތަށް ވުރެ ގިނަ ފަރާތުން، ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތަކަށް ވަކި ތަނެއްގައި ތިބެގެން ތަރުކާރީ ނުވަތަ މޭވާ ވިއްކާނަމަވެސް ރަޖިސްޓްރީކުރަންޖެހޭނެއެވެ.

އޭގެއިތުރުން ވިޔަފާރިއެއް ހިންގަން އެދޭ ފަރާތްތަކުން، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި ނުވަތަ ކުންފުންޏެއްގެ ގޮތުގައި ނުވަތަ ޕާޓްނާޝިޕެއްގެ ގޮތުގައި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ވިޔަފާރި ރަޖިސްޓަރީ ކުރުމަށްފަހު، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތަރުކާރީ އާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރަންވާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރަން ހުށަހަޅާ ކޮންމެ ފަރާތަކުންވެސް، ރަޖިސްޓަރީ ކުރުމަށް ހުށަހަޅާނީ، އެ ވިޔަފާރިއަކުން ހިންގާ ވިޔަފާރި ހަރަކާތް ވީހާވެސް ބޮޑަކަށް ތަމްސީލުކޮށްދޭ ވިޔަފާރީގެ ހަރަކާތުގެ ކްލެސިފިކޭޝަނެއް އިހްތިޔާރުކޮށް، އެ ކްލެސިފިކޭޝަނާއެކު، މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގެ ބިޒްނަސް އެކްޓިވިޓީ ރަޖިސްޓްރޭޝަން މެދުވެރިކޮށް ކަމަށެވެ. އެގޮތުން، ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތުގެ ކްލެސިފިކޭޝަންތަކުގެ ތެރޭގައި ރީޓެއިލް ފިހާރަ، އާއި ހޯލްސޭލް ފިހާރަގެ އިތުރުން ފްރެޝް މާރުކޭޓް އާއި އޮންލައިން ޝޮޕްތަށް ހިމެނެއެވެ. 

ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި ބިދޭސީންނަށް މަސައްކަތް ކުރެވޭނީ، ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދަ ހޯދުމަށް ފަހުގައެވެ. އަދި ވިޔަފާރި ހިންގާތަންތަނުގައި ހުންނަންޖެހޭ ޝަރުތުތަށް ބަޔާންކޮށްފައިވާއިރު ރަޖިސްޓަރީކޮށްފައިވާ ވިޔަފާރީގެ ނަން ބޭރަށް ފެންނާނޭހެން އިމާރާތުގައި ހަރުކޮށްފައި ހުރުމާއި ވިޔަފާރިކުރާ ތަނަށް ވަކިން ވަދެވޭނެ ދޮރެއް ނުވަތަ މުދާ ދޫކުރެވޭނެ ކައުންޓަރެއް ބަންދުކުރެވޭނެ ގޮތަކަށް ހަދައިފައި ހުރުމާއި ވިޔަފާރި ކުރާ ތަނުގައި އެއާ ކޮންޑިޝަން ހަރުކޮށްފައި ހުރުން ނުވަތަ ވައި ދައުރުވާނެ ގޮތަކަށް ވެންޓިލޭޓް ކޮށްފައި ހުރުމުގެ އިތުރުން އެކި ބާވަތްތަކުގެ މުދާ ވަކިވަކިން ތަރުތީބު ކުރެވޭނެ ގޮތަށް ޖާގަ ހަދައިފައި ހުރުމާއިއެކު މުދަލުގެ އަގު އެނގޭނެ ގޮތަށް މުދާ ތަރުތީބުކޮށްފައި ހުންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.  

ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއަކުން ހިންގާ ތަރުކާރީ ނުވަތަ މޭވާ ވިއްކުމުގެ ވިޔަފާރި ހަރަކާތެއް ހުއްޓައިލާތާ 14 ދުވަހުގެ ތެރޭގައި، އެ ވިޔަފާރި ހަރަކާތެއް ބާތިލުކޮށް، ދަފުތަރުން އުނިކުރުމަށް އެދި މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް، ބިޒްނަސް އެކްޓިވިޓީ އަށް ހުށަހަޅަންވާނެ ކަމަށާއި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއަކުންނަމަ ހިންގާ ވިޔަފާރި ހަރަކާތެއްގެ ދަފުތަރުގައިވާ އެއްވެސް މައުލޫމާތަކަށް ބަދަލު އަތުވެއްޖެނަމަ، އެ މައުލޫމާތެއް އަފްޑޭޓް ކުރުމަށް، ނުވަތަ އަހަރަކު އެއްފަހަރު މައުލޫމާތު އަޕްޑޭޓް ކުރުމަށް ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެކަމަށް ބުނެފައިވެއެވެ. 

ގަވާއިދުގައި ބަޔާންކޮށްފައިވާ މައުލޫމާތު، ކަނޑައަޅައިފައިވާ ސުންގަޑިއަށް ހުށަހަޅައިފައިނުވާ ފަރާތްތައް 500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް ބަޔާން ކޮށްފައިވާއިރު، ގަވާއިދުގެ ދަށުން، ތަރުކާރީ ނުވަތަ މޭވާ ވިއްކުމުގެ ވިޔަފާރި ހަރަކާތް، ރަޖިސްޓަރީނުކޮށް ހިންގާ ނަމަ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނުގެ ދަށުން އިންސްޕެކްޓް ކުރުމަށްފަހު، 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށާއި އަދި ވިޔަފާރި ހިންގާ ތަނުގައި ހުންނަންޖެހޭ ޝަރުތުތަކުން ޝަރުތެއް ފުރިހަމަވެފައި ނުވާކަން އިންސްޕެކްޝަނަކުން ފާހަގަކުރެވިއްޖެ ނަމަ، އެ ފަދަ ކޮންމެ ފަރާތެއް، 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށްވެސް ބުނެފައިވެއެވެ. އަދި ފިޔަވަޅު އެޅުމަށްފަހުގައިވެސް، ގަވާއިދާ ހިލާފަށް ވިޔަފާރީގެ މުއާމަލާތްތައް ކުރިޔަށް ގެންދާ ކޮންމެ ފަރާތެއްގެ ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ހިންގާ ތަން ބަންދުކޮށް، އެ ތަނުގެ ތަފުސީލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.  

މި ގަވާއިދު މިހާރުވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ. ގަވާއިދަށް އަމަލުކުރަން ފަށާނީ، ގެޒެޓުގައި ޝާއިއުކުރާތާ 30 ދުވަސް ހަމަވުމުން ކަމަށްވުމުން އަންނަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ގަވާއިދަށް އަމަލުކުރަން ފަށާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް