ads
ރަޝިއާގެ ކޮވިޑް ވެކްސިން ކާމިޔާބާ ދިމާލަށް!
ކޮވިޑް-19 އަށް ރަޝިއާގައި ތައްޔާރުކުރި ވެކްސިން ކާމިޔާބުވެދާނެކަމުގެ އުއްމީދު އާވެއްޖެ އެވެ.

ބްރިޓިޝް ޖާނަލް، ދަ ލެންސެޓްގައި ރިޕޯޓްކުރާ ގޮތުގައި މޮސްކޯގައި ކުރިއަށް ގެންދިޔަ ދެ ކްލިނިކަލް ޓްރަޔަލުގެ ނަތީޖާ ރަނގަޅެވެ. އެގޮތުން ވެކްސިނުން ރަނގަޅު ނަތީޖާއެއް ފެންނައިރު އެއީ ރައްކާތެރި ވެކްސިނެއް ކަމަށް ބުނެ އެވެ. 

އެ ވެކްސިން ޖެހުމުގެ ބޮޑު ކެމްޕެއިނެއް މިދިޔަ މަހުގެ ތެރޭގައި ރަޝިއާގައި ފަށާފައިވާއިރު މިއީ ކޮވިޑާއި ދެކޮޅަށް ދުނިޔޭގެ ގައުމަކުން ވެކްސިނެއް އުފައްދާ ބެނުންކުރަން ފެށި ފުރަތަމަ ފަހަރެވެ.

ރަޝިއާގެ ސައިންޓިސްޓުންގެ ދިރާސާތަކުން ދައްކާ ގޮތުގައި އެ ވެކްސިންގެ ސަބަބުން ސީރިއަސް ސިއްހީ މައްސަލަތަކެއް ވެސް ދިމައެއް ނުވެ އެވެ. އަދި ބަލި ޖެހިފައިވާ މީހާގެ ގައިގާ ވައިރަހާ ދެކޮޅަށް ވެކްސިން މަސައްކަތް ކުރާކަމަށް ވެސް ދައްކަ އެވެ. 

އެކަމަކު ހުޅަނގުގެ ސައިންޓިސްޓުން ވަނީ އެގައުމުން ކުރިއަށް ގެންދިޔަ ޓްރަޔަލްތަކަކީ ކުދި ޓްރަޔަލްތަކެއް ކަމުން، އޭގެ ނަތީޖާގެ އަލީގައި އެތައް މިލިއަން ބަޔަކަށް ވެކްސިން ދިނުން ބަލައި ނުގަނެވޭނެ ކަމަށް ބުނެފަ އެވެ.  

އަދި އެ ވެކްސިނަކީ ދުވަސްވީ މީހުންނަށް އެހާ ރަނގަޅު ވެކްސިނަކަށް ވެސް ނުވެދާނެ ކަމަށާއި ސަބަބަކީ އެމީހުންގެ ދިފާއީ ނިޒާމު ބަލިކަށިވުމުން ވެކްސިން ޖެހިޔަސް އެންމެ ރަނގަޅަށް ވައިރަހާ ދެކޮޅަށް މަސައްކަތްނުކުރާނެ ކަމަށް ބުނެ އެވެ. އެހެންކަމުން އަދި އިތުރު ދިރާސާތައް އެކަމުގައި ކުރަން ޖެހޭ ކަމަށް ވެސް ބުނެ އެވެ.

އެ ޓްރަޔަލްތައް ކުރިއަށް ގެންގޮސްފައި ވަނީ މޮސްކޯގެ ބާޑެންކޯ ހޮސްޕިޓަލާއި ސެޗެނޯ ޔުނިވާސިޓީ ހޮސްޕިޓަލްގަ އެވެ.

ރަޝިއާގައި އުފެއްދި އެ ވެކްސިން ބޭނުންކުރަން ނިންމުމާއެކު ތަޖުރިބާކާރު ބައެއް ފަރާތްތަކުން ނުރުހުން ފާޅުކުރި އެވެ. އަދި އެކަމަކީ އަވަސް އަރުވާލައިގެން ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް ބުންޏެވެ. 

އެހެންވެ ރަޝިއާގެ ހެލްތު މިނިސްޓަރު ވެސް ވަނީ ކޮވިޑާއި ދެކޮޅަށް ރަޝިޔާގައި ތައްޔާރުކޮށްފައިވާ ވެކްސިންގެ ރައްކާތެރިކަމާއި މެދު ދުނިޔެގެ ގައުމުތަކުން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކަކީ އެއްވެސް ތާކުންތާކު ނުޖެހޭ ކަންބޮޑުވުންތަކެއް ކަމަށް ވެސް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް