
މިދިޔަ މަހުގެ 14 ވަނަ ދުވަހު އިންޑިއާގެ ހޮސްޕިޓަލެއްގައި އެކުއްޖާ ވަނީ އޯޕަން ހާޓް ސާޖަރީއެއް ހަދާފަ އެވެ. އަދި ކާމިޔާބު އެ އޮޕަރޭޝަނަށް ފަހު ޔުނާން، އޭނާގެ ދަރިފުޅާއި އަންހެނުންނާއެކު މިހާރު ވަނީ އެނބުރި ރާއްޖެއަށް އައިސްފަ އެވެ.
އެކަމަކު އިއްޔެ އިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ވަރަށް ތަފާތު ވާހަކަ އެކެވެ. ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން އާދޭސްކުރި ޔުނާންއަށް ސޯޝަލް މީޑިއާގައި ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވަނީ ދަރިފުޅަށް ހޯދި ފަންޑުން ދެމަފިރިން ވިޔަފާރިކޮށްގެން އައި ކަމަށް ބުނެ އެވެ.
ސްކްރީންޝޮޓްތަކެއް އާންމުކޮށް ފިލްމީ ތަރި، އައިމިނަތު ރިޝްފާ، ކުރި އެ ތުހުމަތުގައި ވަނީ ވަރަށް ބޮޑަށް އެދެމަފިރިންނަށް ފާޑުކިޔާފަ އެވެ. އެގޮތުން "އަމިއްލައަށް އަޗާ ތަޅަން އަމިއްލަ އެކައުންޓް" އަދި ދަރިއެއް ބަލިވީމަ އެއީ ސަރުކާރާއި އާންމުންގެ އިތުރުން ވިޔަފާރިވެރިންގެ އެކައުންޓުން ބަލަހައްޓަން ޖެހޭ ކަމެއްތޯ ސުވާލު އުފައްދާފަ އެވެ.
މީހުން އަތުން ފައިސާ ހޯދައިގެން ގޮސް، އެގޮތަށް ޔުނާން އަމަލުކުރި މޭރުމުން މެސެންޖާ މެދުވެރިކޮށް ރިޝްފާ އޭނާއަށް ވާހަކަ ދައްކާފައިވާއިރު ޔުނާން ވަނީ އެގޮތަށް އެކަން ނުކުރާކަން ސާބިތުކޮށްދިނުމަށް ބޭންކް ސްޓޭޓްމަންޓްތައް ދައްކަން އެދިފަ އެވެ. އަދި ޔުނާން ވަނީ އެ ބަލަން އަންނަން ބުނެފަ އެވެ.
ޔުނާން ވަނީ އެކަމަކީ އަމިއްލަ މަންފާއެއް ހޯދުމަށްޓަކައި ރިޝްފާކުރަމުން އަންނަ ކަމެއް ކަމަށް ބުނެފަ އެވެ. އެކަމަކު އެއީ އޭނާ އަމިއްލަ ބޭނުމަށް ކުރާ ކަމެއް ނޫން ކަމަށާއި ޔުނާންގެ ދަރިފުޅަށްޓަކައި ރާއްޖެއިން އެތައް ބަޔަކު އެހީވިއިރު އެގޮތަށް ތުހުމަތުކުރެވޭނަމަ އެކަމެއްގެ ދޮގު ތެދު އޮޅުންފިލުވައިދޭން ޖެހޭ ކަމަށް ބުނެފައިވެ އެވެ.
އެ ދެމީހުންގެ މެދުގައި ދެކެވުނު އެ ތުހުމަތުތައް އާންމުކުރުމާއެކު ޔުނާންގެ އަންހެނުން ވަނީ އެމީހުންގެ ބީއެމްއެލް ބޭންކް ސްޓޭޓްމަންޓް އާންމުކޮށްފަ އެވެ. އެ އާންމުކުރަމުން އޭނާ ކުރި ޕޯސްޓުގައި ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ދަރިފުޅަށް އެހީވުމަށް ފަހު "ކަލަ" ގޮވާ މީހުން ރިސިޕްޓް ފޯވާޑްކުރުމުން ދަރާއި ވިކިގެން ވެސް ރިފަންޑް ދޭނެ ކަމަށް އޭނާ ބުންޏެވެ.
އެކަމުގައި އާންމުންގެ ހިޔާލު ތަފާތެވެ. އެއް ބަޔަކު ޔުނާން އާއި އޭނާގެ އަންހެނުންނަށް ފާޑުކިޔަމުން އަންނައިރު އަނެއް ބަޔަކު އަންނަނީ ރިޝްފާއަށް ވެސް ފާޑުކިޔަމުންނެވެ. ރިޝްފާއަށް ފާޑުކިޔާ މީހުން ބުނެފައި ވަނީ ދެމީހުންގެ މެދުގައި ދެކެވުނު ވާހަކަތަކެއް އާންމުކުރުން ރަނގަޅު ނޫން ކަމަށާއި އަދި މީހުންނަށް އެހީވުމަށް ފަހު އެކަމުގެ ވާހަކަ ދެއްކުން ރަނގަޅު ނޫން ކަމަށެވެ. އެއާއެކު ރިޝްފާ ވަނީ އޭނާގެ އަތުގައި ހެކި ހުރި ކަމަށް ބުނެފަ އެވެ.
ޔުނާން އާއި އޭނާގެ އަންހެނުންނަށް ފާޑުކިޔާ މީހުން ވަނީ ދަރިފުޅުގެ ނަމުގައި އެފަދަ ގޮތަކަށް ފައިސާ ހޯދަން ހެޔޮނުވާނެ ކަމަށް ބުނެފަ އެވެ. އަދި އޭރު ވަރަށް ދަތިކަމަށް ބުނިއިރު އުފަން ދުވަހުގެ ހަދިޔާއަށް ވެސް އުމުރަށް ވީވަރަށް ހަދިޔާ ދިނުމުން އެކަމުގެ ފާޑުކިޔުން ވެސް އަމާޒުކުރި އެވެ. ކޮވިޑްގެ މިދުވަސްވަރަކީ މީހުންގެ އަތްމަތި ވަރަށް ދަތި ދުވަސްވަރެއް ނަމަވެސް އެދެމަފިރިން އުޅޭ ގޮތުން ފާޑުކިޔެވެ.
ފާޑުކީ މީހުންގެ ކޮމެންޓުތަކަށް ދިން ރައްދުގައި ޔުނާންގެ އަންހެނުން ވަނީ ގަތް އެއްޗެއް ގަތީ އެމީހުންގެ ދަރިފުޅަށް ކަމަށާއި އެހެންކަމުން އެކަމުގައި މައްސަލަ ޖައްސަން ޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށް ވެސް ބުނެފަ އެވެ.