ރައީސްގެ ހަށިކޮޅުގައި ރޯކޮށްލުމަށް ގޮވާލާފައިވަނީ "ޗެނަލް13" އިން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވި މީހެކެވެ.
ޤާސިމް އިބްރާހިމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ދިވެހި އެއްވެސް ރައްޔިތަކަށް އެއްވެސް ބޭނުމެއްގައި އެއްވެސް ބާވަތެއްގެ އަނިޔާ އެއް ދިނުމަށް އެއްވެސް މީހަކު ގޮވާ ހިތްވަރު ދީގެން ނުވާނެ ކަމަށެވެ. އަދި ރައީސަށް ގެއްލުން ދިނުމަށް ގޮވާލި ގޮވާލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ޤާސިމްގެ ޓްވީޓްގައި ވެއެވެ.
ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު 47 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިގައި ޗެނަލް13 އިން މާފަށް އެދިފައިވާއިރު ބްރޮޑްކާސްޓިން ކޮމިޝަނުންވެސް އެ މައްސަލަ ބަލަމުން އަންނަކަމަށް ބުނެފައިވެ އެވެ.