
ލަންކާ ނޭވީގެ ތަރުޖަމާނު އިންދިކާ ޑެ ސިލްވާ ވިދާޅުވީ އެ ޓީމުގައި ހިމެނެނީ އިނގިރޭސި 10 މީހުންނާއި ނެދަލޭންޑްސްގެ ތަޖުރިބާކާރުންތަކެއް ކަމަށެވެ.
ތެޔޮބޯޓުގައި ހިނގި އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް ފަހު، އެ ޓީމުން ރެކޮމެންޑޭޝަންތައް ދޭނެ އެވެ. އޭގެ އިތުރުން ލަންކާ ޕޯޓްސް އޮތޯރިޓީގެ ޗީފް ފަޔާ އޮފިސަރު ވެސް މިއަދު ވަނީ އެ ބޯޓު އިންސްޕެކްޓުކޮށްފަ އެވެ.
ބުރާސްފަތި ދުވަހު އަލިފާން ރޯވެފައި ވަނީ ނިއު ޑަޔަމަންޑް ޓޭންކަރުގެ އިންޖީން ރޫމްގަ އެވެ. އެ އަލިފާންގަނޑު ވަނީ ޓޭންކަރުގެ ބްރިޖަށް ފެތުރިފަ އެވެ.
އޭގައި ގާތްގަނޑަކަށް ދެ މިލިއަން ފީފާގެ ތެޔޮ ރައްކާކޮށްފައި ހުރި ކަމަށް ވެއެވެ. އިންޑިއާ އަދި ރަޝިއާ އާއި ލަންކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހުކުރު ދުވަހު ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފަ އެވެ.
އިންޑިއަން އޮއިލް ކޯޕް ކުންފުނީގެ 20 އަހަރުވީ ނިއު ޑަޔަމަންޑު ދަތުރު ކުރަމުން ދިޔެއީ ކުވެއިތުގެ މިނާ އަލް އަހްމަދީ ބަނދަރުންނެވެ. އޭގެ މިސްރާބު ހުރީ އިންޑިއާގެ ޕަރަދިޕް ބަނދަރަށެވެ.