އުމުރުން 34 އަހަރުގެ ލޭޑީ ގާގާގެ ބްލޮންޑް އިސްތަށިގަނޑުގައި މަޑު ނޫ ކުލައެއް ޖައްސާފައި ވާއިރު، މިއީ އަރަމުން އަންނަ ޒުވާން ލަވަކިޔުންތެރިޔާ ބިލީ އެއިލިޝްގެ ފަރާތުން އިންސްޕަޔާވި ސްޓައިލެއް ކަމަށް ވެއެވެ.
މީގެ ކުރިން ވެސް ލޭޑީ ގާގާ ވަނީ އިސްތަށިގަނޑު ނޫ ކުލައަށް ބަދަލުކޮށްފަ އެވެ. އަދި މި ފަހަކަށް އައިސް ތަފާތު ގިނަ ކުލަތަކެއް އޭނާ އިސްތަށިގަނޑުގައި ޖައްސަމުން ދެއެވެ.
ލޭޑީ ގާގާގެ ސްޓައިލަކީ ފޭނުންނަށް ކަމުދާ ސްޓައިލެކެވެ. ތަފާތު ސްޓައިލުގެ އިތުރުން އޭނާގެ ހުށަހެޅުންތަކަށް ވެސް ފޭނުންގެ ތަރުހީބު އެހާމެ ބޮޑަށް ލިބެ އެވެ.
އެގޮތުން އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސްގައި މިދިޔަ މަހު އެރިއާނާ ގްރާންޑް އާއެކު ދިން ހުށަހެޅުމުގައި ތިން ހެދުމެއް އޭނާ ލާފައި ވެއެވެ. އެ ހެދުންތަކާއެކު ފޭނުންގެ މަގްބޫލުކަން ލިބުނު ފޭސް މާސްކް ވެސް ބޭނުން ކުރި އެވެ.