ads
ފޮޓޯ: ރައީސް އޮފީސް
ރާއްޖެއަށް ބޭނުންވެފައިވާ ދާއިރާތަކުން މީހުން ތަމްރީން ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތަކުން އިންސާނީ ވަސީލަތް ތަރައްގީ ކުރުމާއި ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމު ވަޒީލުންނާއި މަޝްވަރާ ކުރައްވައިފި އެވެ.

މިއަދު ހެނދުނު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ، ބައެއް މުހިންމު ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރިންގެ އަދަދު އެކަށީގެންވާ މިންވަރަށްވުރެ މަދުކަން ފާހަގަކުރައްވައި، އެ ދާއިރާތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަން ފާހަގަކުރައްވާފައެވެ.

އެގޮތުން އިންޖިނިއަރިން ފަދަ ޓެކްނިކަލް ދާއިރާތަކާއި، އެ ނޫން ވެސް ރާއްޖެއަށް ބޭނުންތެރި މުހިންމު ދާއިރާތައް ދެނެގަތުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ނައިބު ރައީސް އަލިއެޅުއްވިކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ. އަދި ސަރުކާރުގެ އަމާޒުހުރީ ދިވެހިންނަށް މިހާރަށްވުރެ ބޮޑަށް ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ވަޒީރުންވަނީ ހާއްސަ ތަމްރީނު ލިބިފައިވާ މުވައްޒަފުންގެ އަދަދު މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ނައިބު ރައީސަށް ހިއްސާކުރައްވާފައެވެ. 

މި ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއާއި، އެންވާރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އާއި، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަދި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް