ads
އަލިފާން ރޯވި ތެޔޮ ޓޭންކަރު-- ފޮޓޯ: ބެންކޮކް ޕޯސްޓް
އަލިފާން ރޯވި ޓޭންކަރުން ކަނޑަށް ތެޔޮ ފައިބައިފި
ސްރީލަންކާ ކައިރިން އަނދަމުންދާ ތެޔޮބޯޓުން ކަނޑަށް ތެޔޮ ލީކުވެ، ތިމާވެށީގެ ކާރިސާއެއް ދިމާވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

ދެލައްކަ ޓަނުގެ ސާފު ނުކުރާ ތެޔޮ ބަރުކޮށްގެން އިންޑިއާއަށް ދަތުރު ކުރަމުން ދިޔަ ނިއު ޑަޔަމަންޑް ބޯޓުގައި ރޯވި އަލިފާންގަނޑު އާދިއްތަ ދުވަހު ނިއްވާލި ނަމަވެސް، އިއްޔެ ވަނީ އަނެއްކާ ރޯވެފަ އެވެ. 

ލަންކާގެ ނޭވީން މިއަދު ބުނީ އަލިފާންގަނޑު ނިއްވާލެވުނު އިރު ކަނޑުގެ ކިލޯމީޓަރެއްހާ ސަރަހައްދަށް އޭގެން ތެޔޮ ފައިބާފައިވާ ކަމަށެވެ. 

އެ ބޯޓުގައި 270،000 ޓަނުގެ ސާފު ނުކުރާ ތެލާއި، 1700 ޓަނުގެ ޑީސެލް ހުރި ކަމަށް ވެއެވެ. 

އިންޑިއާގެ ކޯސްޓުގާޑުން ބުނީ ކަނޑަށް ފައިބާފައިވާ ތެލުގެ ސަބަބުން ކޮށްފާނެ އަސަރު ކުޑަ ކުރުމަށް ކެމިކަލް ސްޕްރޭ ޖެހުމަށް ވައިގެ އުޅަނދުތައް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އޭގެ އިތުރުން އިންޑިއާއިން ވަނީ 2200 ކިލޯ ކެމިކަލް ޕައުޑަރު ވެސް ލަންކާއަށް ހަދިޔާކޮށްފަ އެވެ. އެއީ އަލިފާން ރޯވެއްޖެ ނަމަ އަވަހަށް ހުޅު ނިއްވާލުމަށް ބޭނުން ކުރެވޭނެ އާލާތެކެވެ.

އަލިފާނުގެ ސަބަބުން ބޯޓު ވަރަށް ބޮޑަށް ބަލިކަށިވެފައިވީ ނަމަވެސް، ތެޔޮ ރައްކާކޮށްފައި ހުރި ހިސާބަށް އަލިފާންގަނޑު ފޯރާފައެއް ނުވެ އެވެ. 

ކަނޑަށް ތެޔޮ ފައިބާފައި ވަނީ އެއަށް ބަރުކޮށްފައި ހުރި ތެލުގެ ބަދަލުގައި ބޯޓުގެ ސްޓޯރޭޖް ޓޭންކު ފަޅައިގެން ގޮސް، ޑީސެލް ލީކުވުމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

ހާދިސާގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އަދި މިހާތަނަށް ނެތް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ބުނެފައެވެ. 

ހާލަތު ގޯސްވެ ތެޔޮ ލީކުވާން ފެށި ނަމަވެސް ރާއްޖެއާއި ގާތަށް ތެޔޮ އަންނާނެ ކަމަށް ނުބެލެވޭ ކަމަށާއި ދިވެހިރާއްޖެއަށް އެ ހާދިސާގެ ސަބަބުން އައިސްދާނެ އެއްވެސް ނުރައްކަލަކަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ކޯސްޓް ގާޑުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް