ads
ފުލުހުންގެ ވަޒީފާއަށް ވަންނަން ހުޅުވާލައިފި
ފުލުހުންގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ 15:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. 

ފުލުހުން ބުނީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަކީ ގްރޭޑް 10 ގެ ފެންވަރު ހުރުން ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ބޭނުންތެރި ފަންނީ ދާއިރާއަކުން 3 މަހަށްވުރެ ކުރު ނޫން ކޯހެއް ފުރިހަމަކޮށް އެކޯހުން ފާސްވެފައިވާ ފަރާތަކަށް ވާންޖެހޭ ކަމަށެވެ.

އަދި 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށް ވުމާއި އިސްކޮޅު، ފިރިހެނެއްނަމަ ފަސް ފޫޓް އެއް އިންޗި، އަންހެނެއްނަމަ ހަތަރު ފޫޓު އަށް އިންޗިއަށްވުރެ ކުރުނުވުމާއި ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށެވެ. 

އޭގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ނުވުމާއި ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހޭ ކަމަށެވެ. 

ވަޒީފާއަށް މީހުން ހޮވުމުގައި ތައުލީމީ ގޮތުން މަތީ ސަނަދު ހާސިލްކޮށްފައިވާ ފަރާތްތަކަށާއި އަންހެން ކެންޑިޑޭޓުންނަށާއި މިލަދުންމަޑުލު ދެކުނުބުރި ނޫނީ މާޅޮސްމަޑުލު އުތުރުބުރީގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި ވަޒީފާއަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންކަމުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ އެޕްޓިޓިއުޓް ޓެސްޓުން ފާސްވުމާއި ހަށިހެޔޮކަން ދެނެގަތުމަށް ދެވޭ ފިޒިކަލް ފިޓްނަސްއާ ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން މެޑިކަލް އެގްޒަމިނޭޝަންއާއި ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހެ އެވެ. 

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ލިޔެކިޔުންތައް ޝަހީދު ހުސެއިން އާދަމް ބިލްޑިންއަށް ހުށަހެޅުމަށް ވެސް އަންގަ އެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00 އިން 15:00 އަށް ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް