ads
ރައީސް ނަޝީދާއި ހަސަން ލަތީފް--
ނަޝީދުގެ އެންގުމަކީ ސިޔާސީ ނުހަމަ ނުފޫޒެއްކަމަށް ނުދެކެން: ހަސަން ލަތީފް
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމަކީ މަޖިލީހުގެ މެމްބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ފޯރުވުން ކަމަށް ނުދެކޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފް މިގޮތަށް ވިދާޅުވެފައި މިވަނީ ނަޝީދަށް ފިޔަވަޅު އަޅައިދިނުމަށް އެދި އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ ހަސަން ލަތީފަށް ފޮނުއްވި ސިޓީއާ ހަވާލާދީ އޭނާއަށް ފޮނުއްވި ސިޓީއެއްގަ އެވެ. 

ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ އެ ސިޓީގައި ހަސަން ލަތީފް ވަނީ ރައީސް ނަޝީދު އޭނާއަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވާ ކަންކަން ކުރުމުގައި، ޕާޓީގެ އުސޫލުތަކާ ހިލާފަށް ޕާޓީގެ ވަސީލަތްތައް ބޭނުންކުރަން ނުޖެހޭކަމާއި އަދި ބޭނުންނުކުރާ ކަމަށް ވިދާޅުވެފަ އެެވެ.

އަދި، ޕާޓީގެ ރައީސް އެދިވަޑައިގެންފައިވާ ކަންކަމަކީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ފޯރުވުން ކަމުގައި ނުދެކޭ ކަމަށާއި ރައީސް ނަޝީދު ފޮނުއްވާފައިވާ ސިޓީއަކީ، ޝުއައިބް ދެކިވަޑައިގަންނަވާ ގޮތާ ހިލާފަށް، އެމަނިކުފާނުގެ އަމިއްލަފުޅު ހައިސިއްޔަތުން އަދި އަމިއްލަ ހިޔާލުފުޅުގެ މައްޗަށް ލިޔުއްވައި ފޮނުއްވާފައިވާ ސިޓީއެއް ނޫންކަމަށެވެ.

އަދި އެ ސިޓީއަކީ އެ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އަދި މިޕާޓީގެ ރައީސްގެ ޚިޔާލުފުޅު ލިޔުއްވައި ފޮނުއްވާފައިވާ ޕާޓީގެ ރަސްމީ ސިޓީއެއް ކަމުގައިވެސް ދަންނަވަމެވެ.

އޭގެ އިތުރުން ޕާޓީގެ ރައީސްގެ މަގާމަކީ ޕާޓީގެ އެންމެ އިސް މަގާމު ކަމަށާއި ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ ފަރާތް ކަމަށެވެ.

އަދި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދުގެ ވިސްނުންފުޅު ޕާޓީގެ އާންމު މެންބަރުންނާ ހިއްސާކުރެއްވުމާއި، އެވިސްނުންފުޅާ އެއްގޮތަށް ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގެވުމުގެ އިސް ދައުރު އަދާކުރެއްވުމަކީ ޕާޓީގެ ރައީސްގެ މަސައްކަތުގެ މަސްއޫލިއްޔަތްކަން ވެސް ފާހަގަކުރެ އެވެ. 

ހަސަން ލަތީފަށް ފޮނުއްވި ސިޓީއެއްގައި އެ ޕާޓީގެ ރައީސް އެދިވަޑައިގެންފައި ވަނީ ފައްޔާޒް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތުމަށް ދެންނެވުމަށެވެ. 

ފައްޔާޒާއި އެހެން ބޭފުޅަކާ ވެސް ޒާތީ ކަމެއް ނެތް ކަމަށާއި، އެގޮތަށް ބޭނުންފުޅުވެވަޑައިގަންނަވަނީ އެމްޑީޕީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށް އެ ސިޓީގައި ނަޝީދު ވިދާޅުވެފައިވެ އެވެ. 

އެކަމާއި ގުޅިގެން އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނައިބު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، އެމްޑީޕީގެ ރައީސް ނަޝީދު ޕާޓީގެ އަސާސީ ގަވައިދާއި ހިލާފަށް އަމަލުކުރެއްވުމާއި، ޕާޓީ ތަމްސީލު ކުރެއްވުމުގެ ގޮތުން މަޖިލީހުގެ ރައީސްގެ މަގާމުގެ މައްސޫލުލިޔަތުތަކާއި ވާޖިބުތައް އުފުއްލެވުމުގައި އަމިއްލަ މަސްލަހަތު އިސްކުރުމާއި، ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ޤާނޫނުއަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދެވުން ތަކުރާރު ކުރައްވާތީ އެކަން ހުއްޓުވުމަށް ކުރެވެން ހުރި އެންމެހާ މަސައްކަތައް ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ކޮށްދިނުމަށް އެދި ގޮވާލާކަމަށެވެ.

އެ ސިޓިގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ވިސްނުންފުޅު މިހާރު ގެންގުޅުއްވަނީ ބަދަލު ހިއްޕެވުމުގެ ރޫހުގައި ކަމަށް ގަބޫލުކުރާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް