ads
އަހުމަދު ހައިލަމް-- ފޮޓޯ: އަވަސް
އާއްމުންނަށް އޮޅޭ ގޮތަށް ހައިލަމް ދެއްކެވި ވާހަކަތައް ޖޭއެސްސީން ކުށްވެރިކޮށްފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މަސައްކަތާ ބެހޭ ގޮތުން އާއްމުންނަށް އޮޅޭ ގޮތަށް ވާހަކަދައްކަވާފައިވާ ކަމަށް ބުނެ، އެ ކޮމިޝަނުން ކުރީގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ކުށްވެރިކޮށްފި އެވެ.

މިދިޔަ ހަފްތާގައި ޖޭއެސްސީން ވަނީ ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެހުންނެވި އަލީ ރަޝީދު ހުސައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަނު ކުރުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ހިންގުން ގާޒީ އާދަމް މުހައްމަދާ ހަވާލުކުރައްވާފަ އެވެ. 

ދާއިމީ ފަނޑިޔާރުން ހަމަޖެހިފައި ނުވާ ކޯޓުތަކުގެ ހިންގުން ހަވާލު ކުރުމުމާއި ކޯޓު ހިންގުމާ ހަވާލުވެ ހުންނަ ފަނޑިޔާރު ޗުއްޓީއަށް ދާނަމަ، އެ ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާ ހަވާލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލްގައި ވަނީ، ކޯޓުގެ އިސް ފަނޑިޔާރު، ވަޒީފާއާ ބެހޭ ގާނޫނުން ލިބިދޭ ޗުއްޓީއެއްގައި ހުރުން ނުވަތަ ރަސްމީ މަސައްކަތަކަށް ވީއްލައިފައި ހުރުން ނުވަތަ ފަރުޟު ހައްޖާއި އުމްރާގެ ޗުއްޓީއާއި، ހައްގުވާ އެނޫން ވެސް ޗުއްޓީއެއްގައި ހުރުން އަދި ވަގުތީގޮތުން ޒިންމާ އިން އެކަހެރިވެފައި ހުރެއްޖެނަމަ އަމަލުކުރާނެ ގޮތް ސާފުކޮށް ބަޔާންކޮށްފައެވެ.

އެގޮތުން އެ އުސޫލްގައިވަނީ އެފަދަ ހާލަތްތަކުގައި ކޯޓުގެ ހިންގުން ހަވާލުކުރަންޖެހޭނީ އެވަގުތު އެ ކޯޓުގައި ނުވަތަ އެ ދާއިރާއެއްގައި ތިބި ފަނޑިޔާރުންގެ ތެރެއިން އެ ތަނެއްގެ ހިދުމަތުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރުންގެ ތަރުތީބުން ކަމަށެވެ.

އެކަމަށް ރިއާޔަށް ކުރައްވާ ހައިލަމް ވިދާޅުވީ ކޯޓު ހިންގުން ވަގުތީގޮތުން ހަވާލުކުރެއްވި ކަމަށް ހަވާލާދެއްވާފައިވާ މާއްދާއަކީ އިސްފަނޑިޔާރަކު އައްޔަންކުރުމުގެ ވާހަކަ ބަޔާންކުރާ މާއްދާއެއް ކަމަށާއި ހިންގުން ހަވާލުކުރުމުގައި އެންމެ ގިނަދުވަސްވީ ފަނޑިޔާރަށް އިސްކަންދިނުމަށް އުސޫލު ހެދުމަށްފަހު ޖޭއެސްސީން އަމަލުކުރަމުން ދަނީ އެ އުސޫލާ ހިލާފަށް ކަމަށެވެ. 

ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޯޓު އިސް ފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ ހާލަތާއި، އިސް ފަނޑިޔާރުކަން ދާއިމަށް ހުސްވާ ހާލަތުގައި ވަގުތީ ގޮތުން މީހަކާ އެ މަސްއޫލުއްޔަތު ހަވާލު ކުރުމުގައި އެ ކޮމިޝަނުން އަމަލު ކުރަނީ ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ކަމަށެވެ.
"މި ކޮމިޝަނުން ވަގުތީ ގޮތުން ކޯޓު ހިންގުން އެހެން ފަނޑިޔާރަކާ ހަވާލުކުރަމުން ދަނީ ކޯޓުގައި ނުވަތަ ދާއިރާގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ ވަނަވަރު އަދި ރިކޯޑް ފައިލުގައި ހުރި ލިޔެކިޔުންތަކަށް ބެލުމަށް ފަހު އެ ކޯޓެއްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ތައުލީމާއި ތަޖުރިބާ އާއި އަހްލާގާއި ގާބިލްކަމަށް ބަލައި، އިސްފަނޑިޔާރު ކަމަށް އެންމެ އެކަށޭނަ ފަރާތެއް، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުންގެ އަގުލަބިއްޔަތުން ކަނޑައަޅައިގެންނެވެ." އެ ބަޔާނުގައި ވެއެވެ. 

"އެކިއެކި ސުލޫކީ މައްސަލަތައް ސާބިތުވެގެން ފަނޑިޔާރުކަމުން ވަކިކުރުމަށް މި ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ލަފާދިނުމުން ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު މި ކޮމިޝަނުން ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށްޓަކައި ކުރާ މަސައްކަތާ ބެހޭ ގޮތުން އާއްމުންނަށް ކަންހިނގާ ގޮތް އޮޅުވާލުމަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ދައްކާ ވާހަކަތައް މި ކޮމިޝަނުން ކުށްވެރިކުރަމެވެ." ހައިލަމް އަށް އިޝާރާތްކޮށް، ބަޔާނުގައި ބުނެފައި ވެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުން ހައިލަމް އިސްތިއުފާ ދެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. އެގޮތުން މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމާ މަގާމުން ވަކިކޮށްދިނުމަށް އެދި މަޖިލީހަށް ވެސް ހުށަހަޅާފައި ވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް