ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ޗާޓާޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ދައުލަތުގެ އިދާރާތަކުން އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަށް ލިޔާ ސިޓީގައި ޖަހަމުން ގެންދާނެ ނަންބަރަކީ 484 ކަމަށެވެ.

ދިވެހިރާއްޖޭގެ ޗާޓާޑް އެކައުންޓެންޓުންގެ ބިލު ރައީސް ތަސްދީގް ކުރައްވާފައި ވަނީ މި މަހުގެ އަށްވަނަ ދުވަހު އެވެ.

އެ ބިލަކީ މިއަހަރުގެ އޮގަސްޓު މަހުގެ 26 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. އެ ބިލުގައި އެކައުންޓެންސީ ދާއިރާއާއި ގުޅޭ ކަންކަން ބައިނަލްއަގްވާމީ އުސޫލުތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން ރާވާ، ދިވެހިރާއްޖޭގައި އެކައުންޓަންސީގެ ޕްރޮފެޝަނެއް ގާއިމުކޮށް، އެ ޕްރޮފެޝަން ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި "އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގެ ނަމުގައި ޤާނޫނީ ޝަހްސެއް އުފައްދުމަށް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން، އެ އިންސްޓިޓިއުޓްގެ މެންބަރުންގެ ގިންތިތައް ކަނޑައަޅައި، އެކި ގިންތީގެ މެންބަރުންގެ ޝަރުތުތަކާއި، އެ މެންބަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި، ހަމަތަކާއި، އެ ނޫން ވެސް ކަންކަމާއި ގުޅޭ އުސޫލުތައްވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

އެ ބިލުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި އުފައްދިގެންދިޔަ "އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" އަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހްސެއްކަން ބަޔާންކޮށްފައި ވެއެވެ. އެ އިދާރާގެ އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ރެޖިސްޓްރީ ކުރުމުގެ ފުރުސަތު އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސްގެ މެންބަރުކަން އޮންނަ ޕްރޮފެޝަނަލް އޯގަނައިޒޭޝަނެއްގެ އެސޯސިއޭޓް މެންބަރުންނަށް އެ ބިލުގެ ދަށުން ފަހިކޮށްދީފައިވެއެވެ. އަދި، ގާނޫނަށް އަމަލުކުރަން ފަށާއިރު އެސޯސިއޭޓް މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން، އެކައުންޓެންޓެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކަށް "ފެލޯ" މެންބަރުންނަށް ވުމުގެ ފުރުސަތު ވެސް އެ ބިލުން ފަހިކޮށްދީފައިވެއެވެ.

"އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" އުފެދުމާއިއެކު ދިވެހިރާއްޖޭގައި އޮޑިޓުކުރުމާއި އެންސިއުރެންސްގެ ހިދުމަތްދިނުމުގެ މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ހުއްދަ ދިނުމާއި، ގިންތިކުރުމާއި، މެންބަރުން ރަޖިސްޓަރީކުރުމުގެ އެންމެހައި ކަންކަންކުރުމުގެ ބާރު އެއިދާރާއަށް ލިބިގެންދާގޮތަށް ބިލުގައި ކަނޑައަޅާފައިވެއެވެ. އަދި، ރާއްޖޭގައި ގާނޫނީ އޮޑިޓުކުރުމާއި އެންސިއުރެންސްގެ ހިދުމަތް ދިނުމަށް ހުއްދަ ދޫކުރުމާއި، ގިންތިކުރުމުގައި ދައުލަތުގެ މުއައްސަސާތަކުން ކުރަމުން އައި މަސައްކަތް އިންސްޓިޓިއުޓަށް ބަދަލުވެގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް