ads
ސީއެސްސީގެ ހަތަރު މެމްބަރުންނާއި ނައިބް ރައީސް ބައްދަލުކުރައްވަނީ-- ފޮޓޯ: ސީއެސްސީ
ސީއެސްސީއަށް އަލަށް އައްޔަން ކުރި މެންބަރުންނާ ނައިބް ރައީސް ބައްދަލުކުރައްވައިފި
ސިވިލް ސާވިސް ކޮމިޝަނަށް އަލަށް އައްޔަނު ކުރި ހަތަރު މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްދަލުކުރައްވައިފި އެވެ.

ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރާއި ސިވިލް ސާވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީއަށް އަލަށް ގުޅިވަޑައިގެންނެވި ސިވިލް ސާވިސް ކޮމިޝަނުގެ ހަތަރު މެންބަރުންނާއި ރައީސުލްޖުމްހުރިއްޔާގެ ނައިބު ބައްދަލުކުރެއްވީ މިއަދު ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވުނު ވިލަރެސް ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ ސިވިލް ސާވިސްގެ މުވައްޒަފުންކަން ފާހަގަކުރައްވައި ސިވިލް ސާވިސްގެ ހިދުމަތުގެ ފެންވަރު މަތިކުރުމާއި އަދި ހުރިހާ ފަރާތްތަކެއް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އަދި އެ ބައްދަލުވުމުގައި ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުން ވަނީ ސިވިލް ސާވިސްގެ ކަންކަން ކުރިމަގުގައި ބައްޓަންކުރުމުގައި އެބޭފުޅުންގެ ވިސްނުން ހުރި ގޮތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމަށް ހަތަރު ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. ކޮމިޝަނަށް ޢައްޔަން ކުރައްވާފައިވާ ހަތަރު ބޭފުޅުންނަކީ ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފާއި، ރ. މީދޫ ބްލެކް، އިބްރާހީމް ރަޝީދާއި، ހ. ޓޫހާޓްސް، މުހައްމަދު ފަރުސަތާއި، މ. ފަލްކަންގެ، މުހައްމަދު ނާސިހެވެ. 

ސީއެސްސީއަށް ހަތަރު މެމްބަރު އައްޔަން ކުރައްވާފައި މިވަނީ މެމްބަރުކަމުގައި ފާތިމަތު އާމިރާ އެކަނި ހުންނެވުމުންނެވެ.

އާމިރާ ފިޔަވައި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދުގެ އިތުރުން މެންބަރު އިބްރާހިމް ޝަހީގު އަދި ޒަކަރިއްޔާ ހުސައިން ވަކިކުރަން މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމާއެކު މެމްބަރު ޝަހީގު ފިޔަވައި ބާކީ ތިއްބެވި ތިން މެމްބަރުން އިސްތިއުފާ ދެއްވި އެވެ. އެކަމަކު މަޖިލީހުން ވަނީ މެމްބަރު ޝަހީގު ވެސް މަގާމުން ވަކިކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް