ސުޝާންތުގެ ސިންގް ރާޖްޕުތުގެ މަރާ ގުޅިގެން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކޮށްފައި ހުރި އެނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީ ވަނީ އެ ތިން މީހުންގެ ނަން ހާމަކޮށްފަ އެވެ.
ޓައިމްސް ނައު އިން ރިޕޯޓު ކުރާ ގޮތުގައި މާދަމާ އެ ތިން މީހުންނަށް އެންސީބީން ނޯޓިސް ފޮނުވާނެ އެވެ. އަދި މި ހަފްތާ ނިމުމުގެ ކުރިން އެމީހުންނާ ސުވާލު ކުރާނެ ކަމަށް ބެލެވެ އެވެ.
އޭގެ އިތުރުން ފިލްމު އިންޑަސްޓްރީގައި ހިމެނޭ ނަން މަޝްހޫރު އެހެން މީހުންގެ ވާހަކަތައް ވެސް ތަހުގީގަށް ރިއާ ކިޔައިދީފައިވާ ކަމަށް ޓައިމްސް ނައު އިން ބުނެ އެވެ.
ފިލްމު އިންޑަސްޓްރީގެ މަޝްހޫރު މޫނުތަކުގެ އިތުރުން އެމީހުންގެ ޕާޓީތައް ރާވަމުން ދިޔަ އިވެންޓް މެނޭޖްމަންޓު ކުންފުނިތަކުގެ މީހުންނާ ވެސް އެންސީބީން ސުވާލު ކުރާނެ ކަމަށް ބެލެވެ އެވެ.
އެންސީބީގެ ތަހުގީގާ ގުޅިގެން ރިއާ ހައްޔަރު ކުރީ މިދިޔަ ހަފްތާގަ އެވެ. ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލަން މުމްބާއީގެ ކޯޓަކުން ވަނީ ދެކޮޅު ހަދާފަ އެވެ.