ads
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިން--
މުވައްޒަފުން ވަކިނުކޮށް، އެހެން މިނިސްޓްރީއަކަށް ބަދަލުކުރެވޭނެ ނިޒާމަކަށް އެދިއްޖެ
ސިވިލް ސާވިސް މުވައްޒަފުން ވަޒީފާ އިން ވަކިނުކޮށް، އެއް މިނިސްޓްރީން އަނެއް މިނިސްޓްރީ އަށް ވަޒީފާ ބަދަލު ކުރެވޭނެ ނިޒާމެއް ހޯދައިދިނުމަށް ސިވިލް ސާވިސް ކޮމިޝަންގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެ އެވެ.

ސިވިލް ސާވިސް ކޮމިޝަންއަށް އައްޔަނު ކުރެއްވި މެމްބަރުންނާއި އިއްޔެ ބައްދަލުކުރައްވާ މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަަން ޑރ. އިބްރާހިމް ހަސަން ވަނީ މުވައްޒަފުންގެ އޮނިގަނޑު މިހާރު އެކުލަވާލެވިފައިވާ ގޮތުން ދިމާވާ ދަތިތަކަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވާފައެވެ.

އެގޮތުން ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ވަކިނުކޮށް އެއް ވުޒާރާއިން އަނެއް ވުޒާރާއަށް ވަޒީފާ ބަދަލު ކުރެވޭނެ ނިޒާމެއް ހޯދައި ދިނުމާއި، މޯލްޑިވްސް ޕޮލިޓެކްނިކް އަދި ޓިވެޓް އޮތޯރިޓީއަށް ބޭނުންވާ ޓެކްނިކަލް އަދި ޕްރޮފެޝަނަލް މުވައްޒަފުން ހޯދުމުގައި އޮނިގަނޑު އެކުލަވާލެވިފައިވާ ގޮތުން ހުރި ދަތިތައް ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުންނާއި ހިއްސާ ކުރައްވާފައިވެ އެވެ.

އަދި މޯލްޑިވްސް ޕޮލިޓެކްނިކަކީ ޓެކްނިކަލް ގިނަ މާއްދާތަކެއް ކިޔަވައިދެމުން ގެންދާ ތަނަކަށް ވާއިރު ޓެކްނިކަލް މާއްދާތައް ކިޔަވައިދިނުމަށް ޓީޗަރުން ހޯދުމުގައި ދިމާވާ އެންމެބޮޑު އެއް ދަތިކަމަކީ ޓީޗިން ސަނަދެއް އޮތުން ލެކްޗަރާސް އަށް ލާޒިމުވެފައިވުން ކަމަށާއި އެހެން ވުމުގެ ސަބަބުން ބޭނުންވާ އަދަދަށް ލެކްޗަރާސް ލިބިމުގައި ދަތިތައް ކުރިމަތިވެފައިވާކަން މިނިސްޓަ ފާހަގަ ކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ތަންފީޒު ކުރުމަށް ސިވިލް ސާވިސް ކޮމިޝަން މެމްބަރުންގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށާއި އަދި ސިވިލް ސާވިސް އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގާނޫނު ތަންދިން އެންމެ ފުޅާމިނެއްގައި ގެންނަވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ސްޓޭޓް މިނިސްޓާ އަދި ކުރީގެ ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ހަދީޖާ އާދަމް އަދި ޑެޕިޔުޓީ މިނިސްޓާ ޢިސްމާއިލް ޒަބީހް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް