ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ދެން ރާއްޖޭގެ ރައީސްކަން ކުރާކަށް ބޭނުމެއްނޫން: ރައީސް ނަޝީދު
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ދެން އައުމަށް ބޭނުންނުވާކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ "ޚަބަރުސިޓީ"ގެ ހަވަނަ އަދަދަށް ލިޔުއްވާފައިވާ ލިޔުމުގައި ރައީސް ނަޝީދު ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ގުޅޭގޮތުން އެމަނިކުފާނު މިހާރު ކުރައްވަމުން އަންނަ މަސައްކަތާއި ގުޅޭގޮތުން ލިޔުއްވާފައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އަބަދުވެސް ވަކާލާތު ކުރަމުން އަންނަނީ ޖަލުގެ އަނިޔާ އަދި ކޮރަޕްޝަން ހުއްޓުވުމަށްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ކޮރަޕްޝަން މަދުކުރުމަށްޓައި 2008 ވަނަ އަހަރު ޤާނޫނުއަސާސީއަށް ވަރަށްގިނަ ސިފަތައް ގެނެވުނު ކަމަށެވެ. އެހެން ނަމަވެސް ކޮރަޕްޝަން ދިވެހިން އެދޭ މިންވަރަށް މަދުކުރެވިފައި އޮތް ކަމަށް ދެކެން ދަތިކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި ކޮރަޕްޝަނާއި ދެކޮޅަށް އެމްޑީޕީން ކުރަމުން އަންނަ މަސައްކަތަށް އިތުރު ބާރުވެރިކަން ހޯދަންޖެހޭކަމަށެވެ. 

"އެމްޑީޕީގެ މެންބަރުން ވަކާލާތު ކުރާ ދެކަމެއް އޮވެއެވެ. އަނިޔާއާއި ވައްކަމާ ދެކޮޅަށް މަސައްކަތް ކުރުމެވެ." ރައީސް ނަޝީދު ލިޔުއްވާފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފުރިހަމައަށް ތާއީދު ކުރާކަމަށް ރައީސް ނަޝީދު ލިޔުއްވާފައިވެ އެވެ. އަދި ރައީސް ސޯލިހްގެ ސަރުކާރަށް ކުޑަވެސް ހީނަރުކަމެއް އައުމަށް ނޭދޭކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. 

"އަޅުގަނޑު ދެކޭގޮތުގައި، މި ޕާޓީ އަޅުގަނޑަށް ދީފައިވާ އެންމެ ބޮޑު މަގާމަކީ، އަލުގަނޑަށް ފެންނަގޮތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތެވެ."

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހްގެ ވަޒީރަކާ ގުޅޭގޮތުން ނުރުހުން ފާޅުކުރުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. އަދި އެކަން ރައީސް އަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ރާއްޖޭގެ ރައީސްކަން ދެން ބޭނުން ނުވާކަމަށް ވެސް ވިދާޅުވި އެވެ. 

"އަޅުގަނޑު ކަށަވަރު ކޮށްދެމެވެ. އަޅުގަނޑު ރައީސްގެ މިނިސްޓަރަކާ ގުޅޭގޮތުން ނުރުހުން ފާޅުކުރަނީ އަޅުގަނޑުގެ ވެރިކަމުގެ އިތުރު އުންމީދަކާއި އެކުއެއް ނޫނެވެ. އަޅުގަނޑަކު ދެނަކު ރާއްޖޭގެ ރައީސް ކަމެއް ކުރުމަކަށް ނުއެދެމެވެ."

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ އެމްޑީޕީން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮގޮތުގައި ވެރިކަން ކޮށްދިނުމަށްކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ކުރައްވާ މަސައްކަތަކީ ސަރުކާރު ނިކަމެތި ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކޭކަމަށެވެ. އަދި އެއީ ވަރަށް ބޮޑު އޮޅުމެއް ކަމަށް ވިދާޅުވެފައިވެއެވެ. 

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމަނިކުފާނު އެދޭކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށެވެ. އަދި އެމްޑީޕީއަށް ކުރިއަށް އޮތް 10 އަހަރު ރައްޔިތުންނަށް ހިދުމަތް ކޮށްދެވެންވެސް އޮތް ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ކަށަވަރު ކުރެވެން ވެސް އޮތް މަގަކީވެސް ބަރުލަމާނީ ނިޒާމު ކަމަށް ލިޔުއްވާފައިވެ އެވެ. 

"އެހެންނަމަވެސް މިއީ އަދި ފަހުގެ ވާހަކައެކެވެ. މިއަދު އަޅުގަނޑު މިފާހަގަކުރާ ކޮރަޕްޝަންގެ ވާހަކައަކީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅުންހުރި ވާހަކައެއް ނޫނެވެ. އަޅުގަނޑު ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެވާހަކަ އަޅުގަނޑު ދަންނަވާނަމެވެ." ރައީސް ނަޝީދު ލިޔުއްވާފައިވެ އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަށް ކާމިޔާބު ވާނީ އަމާޒު ނުގެއްލި ކުރިއަށްގޮސްގެން ކަމަށެވެ. އަދި ކޮންމެ ދިވެއްސަކަށްވެސް ހަމަ އިސްކޮޅަށް ތެދުވެވޭވަރުކުރުމަކީ އެމްޑީޕީގެ އަމާޒުކަމަށް ވިދާޅުވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް