ކޮވިޑް-19 ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ހިމެނޭ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ވެބްސައިޓުން ދައްކާ ގޮތުގައި މުޅި ދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 30.2 މިލިއަނަށް އަރާފަ އެވެ.
މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޮވިޑް ފެތުރިގެންގޮސްފައިވާއިރު އެބަލި މިހާރު އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުގެ ގޮތުގައި އޮތީ އެމެރިކާ އެވެ. އެ ގައުމުގައި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު އުޅެނީ 6.67 މިލިއަނުގަ އެވެ.
ދެވަނައިގައި އަވަށްޓެރި އިންޑިއާ އޮތީ ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 5.2 މިލިއަނަށް އަރައިގެންނެވެ. އަދި ކުރިން ދެވަނައިގައި އޮތް ބްރެޒިލުން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު އުޅެނީ 4.45 މިލިއަނުގަ އެވެ.
އެ ގައުމުތަކުގެ އިތުރުން ދެން މިލިއަނެއްހާ މީހުންނަށް ކޮވިޑް ޖެހިފައި ވަނީ ރަޝިއާ އިންނެވެ. އެގައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު އުޅެނީ 1.08 މިލިއަނުގަ އެވެ.
ދުނިޔެއިން ކޮވިޑްގައި އެންމެ ގިނަ ބަޔަކު މަރުވެފައިވާ ގައުމުގެ ގޮތުގައި ވެސް އޮތީ އެމެރިކާ އެވެ. އެގައުމުން 197،655 މީހުން އެ ބަލީގައި މަރުވެފައިވާއިރު ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވީ ބްރެޒިލުންނެވެ. އެއީ 134،935 މީހުންނެވެ. ތިން ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ގައުމުގެ ގޮތުގައި އިންޑިއާ އޮތީ 84،372 މީހުންގެ މަރުގެ ރިޕޯޓާއެކު އެވެ.
ދުނިޔެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 30.2 މިލިއަނަށް އެރިއިރު ބަލީގައި ރަނގަޅުވި މީހުންގެ އަދަދު 20.5 މިލިއަނަށް އަރަ އެވެ.