ads
ރައީސް ނަޝީދު--
އީވާން ނަސީމް މަރާލި ދުވަހު ފެނުނީ ރައީސް މައުމޫންގެ ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރިކަން: ރައީސް ނަޝީދު
އީވާން ނަސީމް މަރާލި ދުވަހަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވި އެއް ދުވަސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އީވާން ނަސީމްގެ މަރަށް މިއަދު 17 އަހަރު ފުރުމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ ރައީސް މައުމޫންގެ އަނިޔާވެރިކަން ހައްދުފަހަނައަޅާ ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވި ދުވަސް ކަމަށެވެ.

އަދި މިއަދަކީ ޖަލުގައި އީވާން ނަސީމް ގައިގާ ތަޅާ މަރާލި ދުވަސްކަމަށާއި އަނިޔާވެރިކަމާއި ދެކޮޅަށް ރާއްޖެ ބަދަލުކުރަން ދިވެހިން ނިކުތް ދުވަހަކީވެސް މިއީ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"މިއަދަކީ ރައީސް މައުމޫންގެ އަނިޔާވެރިކަން ހައްދުފަހަނައަޅާ ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވި ދުވަސް. އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން ތެދުވެ ރާއްޖެ ބަދަލުކުރަން ނިންމާ ނިކުތް ދުވަސް. ޖަލުގައި އީވާން ނަސީމް ގައިގާ ތަޅާ މަރާލި ދުވަސް. މާތް ﷲ މަރުހޫމްގެ ފުރާނަޔަށް ސުވަރުގެ މިންވަރު ކޮށްދެއްވާށި،" ނަޝީދު ވިދާޅުވި އެވެ. 

އީވާން ނަސީމް މަރާލާފައިވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ މާފުށީ ޖަލުގައެވެ. އަދި އެދުވަހު އީވާން ނަސީމްގެ މަރާއެކު އިހުތިޖާޖު ކުރި އެހެން ގައިދީންތަކެއްގެ ގަޔަށްވެސް ބަޑިޖަހައި މަރާލާފައިވެ އެވެ. އަދި އެ ހާދިސާގައި ގައިދީން ކޮންޓްރޯލް ކުރުމަށް ޓަކައި މަސައްކަތް ކުރުމުގެ ތެރެއިން ފުލުހުންނަށާއި ގައިދީން އަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.

ޖަލުގައި ހިނގި އެ ލޭ އޮހޮރުވުމާ ގުޅިގެން އިސްލާހީ އެޖެންޑާ، 2004 ގައި ރައީސް މައުމޫން އިއުލާންކުރެއްވި އެވެ. އަދި އެއަށްފަހު ސިޔާސީ ޕާޓީތައް ރަޖިސްޓްރީކުރުމުގެ ފުރުސަތުވެސް ހުޅުވާލެއްވި އެވެ. ޖަލުގައި ހިނގި އެ ލޭ އޮހޮރުވުމަށްފަހު ޖަލުތަކުގައި ދެވޭ އަނިޔާއާ ދެކޮޅަށް އަދި ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރުމަށް އެމްޑީޕީން މަސައްކަތް ފަށާ، ފުރަތަމަ ބޮޑު އެއްވުން، ޖުމްހޫރީ މައިދާންގައި ބޭއްވީ 2004 ވަނަ އަހަރު އޮގަސްޓް 12 އަދި 13 ވަނަ ދުވަހު އެވެ. 

މައުމޫންގެ ވެރިކަމުގައި އެތައް ފަހަރަކު ޖަލަށްލި، ނަޝީދު ރައީސްކަމުގެ މަގާމު ހޯއްދެވީ އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި، 2008 ވަނަ އަހަރު، ރައީސް މައުމޫންއާ ވާދަކުރައްވައެވެ.

ނަމަވެސް އެ މަނިކުފާނުގެ ވެރިކަމުގައި ވެސް ހަމަނުޖެހުންތައް ބޮޑުވެ އާންމުން މަގުމައްޗަށް ނިކުމެ މުޒާހަރާކުރަން ފެށުމުން އެކަން ހުއްޓުވުމަށް ރައީސް ނަޝީދު ފުލުހުންނާއި ސިފައިންގެ މައްޗަށް ގާނޫނާއި ހިލާފު އަމުރުކުރެއްވި ކަމަށް ބުނެ އެންމެ ފަހުން އެކަމުގެ ތެރެއަށް ފުލުހުންނާއި ސިފައިން ވެސް ވަދެ ހިންގި ހަމަނުޖެހުންތަކަށް ފަހު، ނަޝީދު އިސްތިއުފާ ދެއްވާފައިވަނީ 2012 ވަނަ އަހަރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް