ads
އިންޑޮނޭޝިއާ އިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ މިއަދު
އިންޑޮނޭޝިއާގައި މިއަދު އެކަނި ވެސް 4168 މީހަކަށް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފި އެވެ.

މިއަދު 4168 މީހުންނަށް ކޮވިޑް ޖެހުނުއިރު މިއީ އެގައުމުގައި ބަލި ފެތުރެން ފެށި ފަހުން އެއް ދުވަހެއްގެ ތެރޭގައި އެހާ ގިނަ ބަޔަކަށް ކޮވިޑް ޖެހުނު ފުރަތަމަ ދުވަހެވެ. 

އެގައުމުގެ ހެލްތު މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 240،687 އަށް އަރާފަ އެވެ. އަދި މިއަދު 112 މީހަކު ކޮވިޑްގައި މަރުވެފައިވާއިރު މަރުވި މީހުންގެ ޖުމްލަ އަދަދު ވެސް ވަނީ 9448 އަށް އަރާފަ އެވެ.

ކޮވިޑްގެ ކޭސްތައް ފެންނަ ނިސްބަތް އިތުރުވަމުންދާތީ އެކަމާއި ގުޅިގެން އިންޑޮނޭޝިއާގައި ވެރިރަށް ޖަކާޓާގެ ގަވަރުނަރު އަނިސް ބަސްވެޑަން ވިދާޅުވެފައި ވަނީ ޖަކާޓާގައި ޓެސްޓިން ކެޕޭސިޓީ ދެގުނައަށް އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ޖަކާޓާއަށް އެކަނި ބަލާލި ނަމަވެސް ކޮންމެ ދުވަހަކު އެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މިމަހުން ފެށިގެން އުޅެނީ 1000 އިން މަތީގަ އެވެ. މިއީ އޮގަސްޓް މަހުގެ މެދަކާއި ހިސާބަށް ބަލާނަމަ ދެގުނަ އިތުރު އަދަދެކެވެ.

ގަވަރުނަރު އިތުރަށް ވިދާޅުވެފައި ވަނީ ކޮވިޑްގެ ކޭސްތައް މިހާރު އިތުރުވެފައިވާ މިންވަރުގެ ސަބަބުން ދީފައިވާ ބައެއް ލުއިތައް ވެސް އަނބުރާ ނަގަން ޖެހިފައިވާ ކަމަށެވެ. ގަވަރުނަރު ފާހަގަކުރައްވާފައި އެވަނީ ޖޫން މަހުގެ ތެރޭގައި ކޭސްތައް ފެންނަ ނިސްބަތް މަދުކުރެވުމުން ދިން ލުއިތަކުގެ ވާހަކަ އެވެ. 

އެގައުމުގައި ކޮވިޑްގެ ކްލާސްޓާތައް އެންމެ ކަންބޮޑުވާ މިންވަރަކަށް ފެންނަމުންދަނީ އޮފީސްތަކުންނެވެ. އެހެންކަމުން، އޮފީސްތަކުގެ މީހުން ހާއްސަ ސަމާލުކަމެއް ދީގެން އުޅުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް